ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މި ސަމާލު މިއަދު މެންދުރުފަހު 01:00 އާ ހަމައަށް ދެމިއޮންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. ވޭތުވެދިޔަ ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި ތިން ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.
މިއަދު މާލެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މިކަމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އިން މިހާރު ވަނީ ފަށާފައެވެ. ޚާއްޞަކޮށް މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ވިއްސާރަވި ނަމަވެސް އާންމު ގޮތެއްގައި ކަނޑުތަކާއި ވައި މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވައިގެ ދުވެލި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ދަތުރުވެރިން ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތް ބަންދު ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. މިއަހަރުގެ ހުޅަނގު މޫސުން އަންނަ މަހުގެ މެދުތެރޭގައި ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރުގެ ވިއްސާރަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ގަދަ ހޫނަށްފަހު ވާރޭވެހެން ފެށުމާއެކު، ރާއްޖޭގެ ފިނިހޫނުމިން މިހާރު ވަނީ ކުރިއަށްވުރެ ދަށްވާން ފަށައިފައެވެ. މިކަމުގެ ސަބަބުން އާންމުންނަށް ވަނީ ހޫނުގަދަވުމުގެ ދަތިކަމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައެވެ.
ރިއެކްޝަންސް





