ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ޓުއަރިސްޓަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
މަރުވެފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް. ދޯނީގެ ކެޕްޓަން ވަނީ ހައްޔަރުކޮށްފައި
އދ. ދިގުރަށް ކައިރިގައި އޮންނަ ވޭލްޝަރކް ޕޮއިންޓަށް ސްނޯކްލް ކުރަން ދިޔަ ފަތުރުވެރިޔަކު އެމީހުން ސްނޯކްލިންއަށް ދިޔަ ދޯނީގެ ބުރަފަތީގައި ޖެހި, ލިބުނު ޒަހަމަތަކުގެ ސަބަބުން މަރުވެއްޖެއެވެ.
ދިރުރަށުން "އަމާޒު" އާ ވާހަކަދެއްކި މީހަކު ބުނީ މަރުވި މީހާއަކީ ވޭލްޝަރކް ރިސަރަޗް ގުރޫޕް އާއެކު އައިސް އުޅޭ ސިންގަޕޫރުގެ ދަރިވަރުންތަކެއްގެ ތެރޭގައި ހިމެނޭ މީހެއްކަމެވެ. މަރުވީ އަންހެނެއް ކަމަށާއި, ބުރަފަތީގައި ޖެހި އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ވެސް ހުރިކަމަށެވެ. އަދި ގިނަ އަދަދަކަށް ލޭ އައިސްފައިވާ ކަމަށްވެސް ދިގުރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. އެމިހާ މަރުވެފައިވަނި ލޭ ހުސްވެގެން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ މައުލޫމާތު ދީފައި ވެއެވެ.
"މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު މާލެ ގެންގޮއްސި. އެކަމާ ގުޅިގެން ދޯނީގެ ކެޕްޓަންވެސް މިހާރު ހައްޔަރުކޮށްފި" ދިގުރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީދިގުރަށަށް ވޭލް ޝާރކް ރިސަރޗްއެއް ހަދަން ސްޓަޑީ ޓުއަރ އެއްގައި އައި ޓީމްގެ ތެރެއިން 15 އަހަރުގެ ސިންގަޕޯރގެ އަންހެން ކުއްޖެއް ދޯނީގެ ބުރަފަތީގައި ޖެހިގެން ޒަޚަމްވެ އެރަށު ޞިއްޙީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އެކުއްޖާ ބުރަފަތީގައި ޖެހުނީ މޫދަށް ފުންމާލި ވަގުތު ކަމަށާއި, ފުލުހުންނަށް ރިޕޯރޓް ލިބުނީ ހެނދުނު 9:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ޞިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖަ މަރުވެފައިވާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދިގު ރަށަކީ ގެސްޓްހައިސް ވިޔަފާރީގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. ޙާއްސަކޮށް ފެހުރިހި ފެންނަ ސީޒަންގައި އެރަށުގައި ފެހުރިއްސާ ގުޅޭ އެކިއެކި ހަރކާތްތައް ކުރިއަށް ގެންދާއިރު, ވޭލްޝާރކް ރިސަރޗް ޕްރޮޖެކްޓަކީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ދިގުރަށްގައި ކުރިއަށްދާ ހަރަކާތެކެވެ.
ރިއެކްޝަންސް