ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޓެއިންކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މީހުން އަތުލައިގަނެފައިވަނީ ދިވެހިރާއްޖޭގައި ޤާނޫނާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯސްއިން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެންނެވެ. އެގޮތުން، ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި މި 6 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ހާމަކުރި ތަހުޤީޤީ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފަރާތްތަކަކީ ރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ދާއިރާއިން ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގައި ހަރަކާތްތެރިވަމުން އައި ބައެކެވެ. އަދި ފާއިތުވި 3 އަހަރުގެ ތެރޭގައި މި މީހުންގެ އެކައުންޓްތަކުން ޖުމްލަ 54،429،550.00ރ (ފަންސާސް ހަތަރު މިލިޔަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއި، 1،627،810 ޑޮލަރު (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ ޔޫއެސް ޑޮލަރު) ގެ މުއާމަލާތް ހިންގާފައިވާކަން ތަހުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރުން، މި މައްސަލަތައް ބެލުމަށް ޓާސްކްފޯސްއިން އެއްކުރި މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް، ބިދޭސީން އިސްވެ ހިންގާ ޤާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކުރުމަށްޓަކައި އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ޤާނޫނާއި ޚިލާފު ކަންކަމަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ގޮތުގައި ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަން ހަނދާންކޮށްދީފައެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިފަދަ ޤާނޫނާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ސާބިތުކަމާއެކު އަޅަމުން ގެންދާނެ ކަމަށެވެ.
ރިއެކްޝަންސް





