ހިޔާވެހި ސްކީމް – ރިބާ ނުހިމަނައި ގެދޮރުވެރިކަމަށް އިންގިލާބީ ބަދަލެއް
ހިޔާވެހި ސްކީމް ތަޢާރަފް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދައްކަވަނީ: ފޮޓޯ: ރައީސް އޮފީސް

ހިޔާވެހި ސްކީމް – ރިބާ ނުހިމަނައި ގެދޮރުވެރިކަމަށް އިންގިލާބީ ބަދަލެއް

މިއީ ރާއްޖޭގެ ތާރީޚުގައި ގެދޮރުވެރިކަމަށް ސަރުކާރަކުން ދޫކުރާ ލޯނު އިސްލާމީ ޝަރީއާއާ އެއްގޮތަށް ދޫކުރާ ފުރަތަމަފަހަރު.

13 days ago - 11:03

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ އިސްކަމެއް ދީފައިވާ ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދެވެ. މި ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ގެންގުޅުއްވަނީ އިސްލާމީ އުސޫލަށް ފެތޭ ނުވަތަ އިސްލާމީ ޝަރީއާ ކޮމްޕްލެއިންޓް ފައިނޭންސިން މޮޑެލްތަކެކެވެ. މިއީ ރައްޔިތުން ދިރިއުޅުމަށް ރާއްޖޭގެ ސަރުކާރަކުން ދޫކުރާ ރިބާ ނުހިމެނޭ ފުރަތަމަ ލޯން ސްކީމެވެ.

އަންނަ 2025 ވަނަ އަހަރު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން ތައްޔާރުވަމުން އަންނަ ހިޔާވަހި ސްކީމަކީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯން ސްކީމެކެވެ. އޭގެތެރޭގައި ހިމެނެނީ ރަށްވެހި ހިޔާވެހި ސްކީމް، ސަހަރު ހިޔާވެހި ސްކީމްގެ އިތުރުން ފަހިމާލެ ހިޔާވެހި ސްކީމެވެ. 

ރަށްވެހި ހިޔާވެހި ސްކީމް (އިކުއިޓީ ބަހައްޓަން ނުޖެހޭ)

މީގެ ތެރޭގައި ހިމެނޭ ރަށްވެހި ހިޔާ ސްކީމަކީ އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަ އިސްކަމެއް ދީގެން ތަޢާރަފް ކޮށްފައިވާ ސްކީމެކެވެ. ކުދި އާބާދީތަކާއި އާބާދީ މަރުކަޒުތަކުގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރުމަށް ކަނޑައާޅާފައިވާ ރަށްތައް ނޫން އެހެން ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް މި ސްކީމުގެ ދަށުން ސަރުކާރުން ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން މައުލޫމާތު ދެއްވާ ގޮތުގައި މި ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 25 އަހަރަށް ބަހާލައިގެން މި ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ގެދޮރުވެރިންނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ލޯނު ނަގާފަރާތުން އެއްވެސް ފައިސާއެއް "އިކުއިޓީ"ގެ ގޮތުގައި ދައްކަންޖެހޭ ލޯނެއް ނޫން ކަމަށްވެސް ސަރުކާރުން މައުލޫމާތު ދެއްވައެވެ. 

Advertisement

ސަހަރު ހިޔާވެހި ސްކީމް – ބޮޑެތި އާބާދީތަކަށް ޚާއްސަ

ސަރުކާރުން ތަޢާރަފް ކުރުމަށް ނިންމާފައިވާ ސަހަރު ހިޔާވެހި ސްކީމަކީ އާބާދީ މަރުކަޒުތަކުގެ (އާބަން ސެންޓަރުތައް) ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ސަރަހައްދުތަކާއި ބޮޑެތި އާބާދީތަކަށް ޙާއްސަކޮށްގެން ތަޢާރަފް ކުރާ ސްކީމެކެވެ. މި ސްކީމުގެ ދަށުން 25 އަހަރަށް ބަހާލައިގެން އަނބުރާ ދައްކާ ގޮތަށް 3 މިލިއަން ރުފިޔާގެ ކޮންމެ ފަރާތަކަށްވެސް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ސަރުކާރުން މައުލޫމާތު ދެއްވި ގޮތުގައި މި ލޯނަށް %5 އާއި %10 އާ ދެމެދުގެ އިކުއިޓީއެއް ދައްކަން ޖެހޭނެއެވެ.

ފަހިމާލެ ހިޔާވެހި ސްކީމް (އަލަށް ދޫކުރި ގޯތިތަކުގައި އިމާރާތް ކުރުމަށް ފަހި ފުރުސަތެއް)

ފަހިމާލެ ހިޔާވެހި ސްކީމަކީ ޚާއްސަގޮތެއްގައި މާލެ ސަރަހައްދުގައި ގެދޮރު އިމާރާތް ކުރުމަށް ދޫކުރެވޭ މި ލޯނު ސްކީމުގެ ދަށުން ކޮންމެ ފަރާތަކަށްވެސް 6 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަހަރު ހިޔާވެހި ސްކީމާ އެއްގޮތަށް މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކަށްވެސް %5 އާއި %10 ދެމެދުގެ އިކުއިޓީއެއް ދައްކަން ޖެހޭނެއެވެ. މިއީ މާލެ ސަރަހައްދުން އަލަށް ދޫކޮށްފައިވާ ގޯތިތަކުގެ ގެދޮރު އިމާރާތްކޮށް މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ މުހިންމު ސްކީމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. 

ހިޔާވެހި ސްކީމްގެ ޚާއްސަ ކަންކަން

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދަކީ ރައްޔިތުންނަށް ތަކުލީފު ނުޖެހޭނެހެން ހުރިހާ ރައްޔިތުންނަސްވެސް ހަމަހަމަ ކަމާއެކު އަތްފޯރާ އަގެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މި ވައުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ތައާރަފް ކުރެއްވި ސްކީމަކީ ރާއްޖޭގެ މާލީ ބާޒާރުގައި މިހާރު ހުރި ގެދޮރުވެރި ސްކީމްތަކުގެ އިކުއިޓީގެ ނިސްބަތަށް ބަލާއިރު ކުޑަ އިކުއިޓީއެކެވެ.

އެގޮތުން ބަލާއިރު ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގެދޮރު އިމާރާތް ކުރުމުގެ ލޯންތަކުގެ އެންމެ ކުޑަ އިކުއިޓީއަކީ %20 އިންސައްތައެވެ.  

އެހެންކަމުން ސަރުކާރުން ތައާރަފް ކޮށްފައިވާ ސްކީމްގައިވާ %5 އާއި %10 އަކީ މިހާރުގެ މާލީ ބާޒާރަށް ބަލާއިރު މަދުވެގެން %10 ގެ ކުޑަ ވުމަކީވެސް ރައްޔިތުންގެ ޖީބަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ބޭންކިން ސްކެޓާރގެ ބޭފުޅުން ފާހަގަ ކުރައްވައެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ހިޔާވެހި ސްކީމް ވަކި ތިން ބަޔަކަށް ބަހާލާފައިވީނަމަވެސް ކުދިކުދި ބަދަލްތަކާއެކު ހުރިހާ ސްކީމަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ސްކީމުގައި ބައިވެރި ވެވޭނީ ސަރުކާރުން ތައާރަފް ކޮށްފައިވާ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އަދި މި ސްކީމަކީ އިސްލާމީ ޝަރިއާގެ ހަމަތަކާ އެއްގޮތަށް ކުރިއަށް ގެންދާ ސްކީމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތައް އަނބުރާ ދައްކަން ފެށުމާއެކު ސަރުކާރުގެ ބަޖެޓުން ގެދޮރުވެރިކަމަށް ކުރާ ހޭދަ ކުރަން ނުޖެހި މި ސްކީމުން ލިބޭ ފައިދާއިން ގެދޮރުވެރިކަމަށް ހޭދަކުރެވޭނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow