އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރަނީ
މި ހިނގާ މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުގެ ގޮތުގައި ފާހަގަކުރެވުނު މި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 4 ވީ ހޮނިހިރު ދުވަހުއެވެ. އެދުވަހު ޖުމްލަ ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ގޮސްފައިވެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު އާންމު ވޯޓެވެ.
މި އިންތިޚާބުތަކުގެ ވަގުތީ ނަތީޖާ މިހާރު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ. ނަމަވެސް ބައެއް ފޮށިތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅިފައިވާތީ، އެ ފޮށިތަކުގެ ނަތީޖާ އަދި އާންމެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތައް އަލުން ގުނައި، އޭގެ ދާއިމީ ނަތީޖާ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމީކޮށް އިޢުލާން ކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް ފަހަރެވެ. މިފަހަރު ވޯޓުލުމުގެ ހައްޤު ޖުމްލަ 294,876 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރުމަށް ވޯޓު ދީފައިވެއެވެ. މި އިންތިޚާބުން ހޮވުނު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް

