ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފަށައިފި

ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފަށައިފި

8 hours ago - 17:45
Apr 10, 2026 - 17:45
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. ގާދިއްފުށީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެ ރަށުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.


މި މަޝްރޫޢު ފެށުނުކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސަރަޙައްދު ހިއްކުމަށްޓަކައި ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ "ފިލިއްޕޯ ބްރޫނެލެސްކީ" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ވިދާޅުވި ގޮތުގައި، މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށާއި، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި 11 ހެކްޓަރުގެ ބިން ހިއްކާ ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.


މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ވަރަށް ބާރު ދުވެލީގައި ހިންގަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ތ. ވޭމަންޑޫގެ 27 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ 23 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އަދި އޭގެ ކުރިން ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މީގެ އިތުރުން، ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކާ ގާތްވެފައިވާއިރު، ހޯރަފުއްޓާއި މަޑެވެލީގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ނ. ވެލިދޫ އާއި މާފަރު ބިން ހިއްކުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. މާލެ ސަރަހައްދަށް ބަލާއިރު، ހުޅުމާލެ ފޭސް 3 ހިއްކާ މިހާރު ވަނީ ނިމިފައެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ހަލުވިކޮށްފައެވެ.


ދިވެހި ތާރީޚުގައި ބިން ހިއްކުމުގެ މިހާ ގިނަ މަޝްރޫޢުތަކެއް، މިފަދަ ހަލުވި ދުވެލީގައި އެއްފަހަރާ ކުރިއަށްދާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުތަކަކީ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަރައްޤީގެ ތަޞައްވުރުގެ މުހިންމު ބައެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement