ސައޫދީއަށް ދޭ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ އާންމު ރައްޔިތުންނަށާއި އިގުތިސާދީ މުހިންމު ތަންތަނަށް އަމާޒުކޮށް ފޮނުވާލަމުންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ދިވެހި ސަރުކާރުން އިއްޔެ އެ ކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، މިފަދަ ހަމަލާތަކަކީ ސައޫދީގެ މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ގަސްދުގައި އަރައިގަތުމެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު، މުޅި ސަރަހައްދުގެ ހަމަޖެހުން ނަގާލާ ފަދަ ނުރައްކާތެރި އަމަލުތަކެއް ކަމަށް ބުނެ، މި ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
މީގެއިތުރުން، އެ ގައުމުގެ ދިފާއުގައާއި މާތްވެގެންވާ ދެ ހަރަމްފުޅުގެ ރައްކާތެރިކަމަށްޓަކައި ސައޫދީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި، ދިވެހިން އަބަދުވެސް ތިބޭނީ ސައޫދީ ރައްޔިތުންގެ ފަޅީގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހޫތީން ދާދިފަހުން ދިން ހަމަލާތަކުގެ އަސަރު ވެރިރަށް ރިޔާދުގެ ވިޔަފާރި މަރުކަޒުތަކަށް ކޮށްފައިވާއިރު، މީގެކުރިން ވެސް އެކި އެއާޕޯޓުތަކަށް އެ ޖަމާއަތުން އަމާޒުކުރި ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
ހޫތީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނި ގޮތުގައި، އެ މީހުން ހަމަލާދެނީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށާއި ތެލުގެ ވަސީލަތްތަކަށެވެ. އަދި މައްކާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. ދެ ފަރާތުގެ ކުރިމަތިލުންތައް އަނެއްކާވެސް ގަދަވެގެން މި ދިޔައީ، ޔަމަނުގެ ހުދައިދާ ބަނދަރަށް ސައޫދީ ކޯލިޝަނުން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުންނެވެ.
ރިއެކްޝަންސް





