ނިމިދިޔަ އަހަރު 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި
މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި 375 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ 'ސެސޭޝަން' ޚިދުމަތް މިދިޔަ އަހަރުގެ ތެރޭގައި 2,003 މީހަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ނެޝަނަލް 'ކުއިޓް ލައިން' މެދުވެރިކޮށް 770 މީހަކު އެހީތެރިކަން ހޯދާފައިވެއެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ 494 މުވައްޒަފަކު ވަނީ ސެސޭޝަން ޓްރެއިނިން ފުރިހަމަކޮށްފައެވެ.
ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާހު ގެނެސް، 2025 ނޮވެމްބަރު 1 އިން ފެށިގެން ރާއްޖޭގައި 'ޖެނެރޭޝަނަލް ބޭން' ތަންފީޒުކުރަން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާވާނެއެވެ.
ސަރުކާރުން ދުންފަތާ ދެކޮޅަށް ފަށާފައިވާ މި މަސައްކަތުގެ ދަށުން، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ އިތުރުން، ރާއްޖޭގައި ވޭޕް ކުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، ދުންފަތުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމެވެ.
ރިއެކްޝަންސް





