އޮޕަރޭޝަން އަލިމަގު: ހައްޔަރުކުރި 4 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މީހުންގެ މައްސަލައެކެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ހަތަރު މީހުންނަކީ:
ޝައްފާޙް ލަޠީފް (28އ) - ޝެވޯނާ / ގއ. ވިލިނގިލި
އަޙްމަދު މަދީޙު (33އ) - މިޔުޒިކީއާގެ / ގއ. ވިލިނގިލި
އަޙްމަދު އަނާމް އިބްރާހީމް (30އ) - އައިޒަން / ގއ. ވިލިނގިލި
ނޫރުއްނިޡާމް (35އ) - އަރާއިރުގެ / ގއ. ވިލިނގިލި
ފުލުހުން ބުނި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. "އޮޕަރޭޝަން އަލިމަގު" އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކްތައް ހޯދައި، އެކަން ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށްވެސް ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.
ރިއެކްޝަންސް





