ޝަރުތުތައް ހަމަނުވާތީ އިޒްރޭލް ޕާސްޕޯރޓް މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަން
ޝަރުތުތައް ހަމަނުވާތީ އިޒްރޭލް ޕާސްޕޯރޓް މައްސަލައިގައި އެމްޑީޕީންހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރިޔާސަތުން ނިންމައިފި އެވެ.
އިޒްރޭލް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން ހުއްޓުވުމަށް އިމިގްރޭޝަންގެ ޤާނޫނަށް އެމްޑީޕީން ހުށަހަޅާފައި އޮތް އިސްލާހުގެ މަސައްކަތް ކުރިއަށް ނުދާތީ ކުއްލި މައްސަލައެއް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫ ހުށަހެޅި މައްސަލަގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވާތީއެވެ.
ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ކުއްލި މައްސަލަ ބަލައިނުގަތީ ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާތީ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އެބިލްގެ މަސައްކަތް މަޖިލިހުގެ ކޮމިޓީގައި ތާށިވެފައި ވަނިކޮށް މިފަހުން ޕީއެންސީން ވަނި އެބިލްގެ މަސައްކަތް އަވަސްކުރަން ގޮވާލާފައެވެ. ބިލްގެ މަސައްކަތް ލަސްވި ނަމަވެސް ސަރުކާރުން ވަނީ އިޒްރޭލްގެ ޕާސްޕޯރޓް މަނާކުރަން ނިންމާފައިވާކަން ކުރިން އިއުލާނުކޮށްފައެވެ. މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވަނި އެމަސައްކަތް ކުރަމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިއެކްޝަންސް