އޭޖީ އޮފީސް ސިވިލް ސަރވިސް އިން ވަކިކޮށް ވަކި ޚިދުމަތަކަށް ބަދަލުކުރަނީ
ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހަކީ ސިވިލްސަރވިސްގެ ދަށުން ހިނގާ އޮފީހެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ވަކި ޚިދުމަތެއް ދޭ އޮފީހެއްގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މާފަނުންނު ދެކުނުދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
މެންބަރު ބޮޗޭ ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅިގެންދާނެއެވެ.
އަދި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށާއި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުންވެސް ހިމެނެއެވެ.
މި ބަދަލުތަކާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ގާނޫނީ ޚިދުމަތްތަކާއި އިދާރީ ޚިދުމަތްތަކެވެ. މީގެ އިތުރުން މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނުއްވާފައެވެ.
ރިއެކްޝަންސް