ރަސްމާލެ މަޝްރޫޢަށް ދައުލަތުން އެއްވެސް ދަރަންޏެއް ނަގަން ނުޖެހޭނެ: މިނިސްޓަރު މުއްޠަލިބު

ރަސްމާލެ މަޝްރޫޢަށް ދައުލަތުން އެއްވެސް ދަރަންޏެއް ނަގަން ނުޖެހޭނެ: މިނިސްޓަރު މުއްޠަލިބު

56 minutes ago - 08:12
Sep 24, 2026 - 08:13

ރަސްމާލެ މަޝްރޫޢަށް ދައުލަތުން އެއްވެސް ދަރަންޏެއް ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވެ، އެ މަޝްރޫޢާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ރައްދުދެއްވައިފިއެވެ.


ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުއެވެ.


މި އެއްބަސްވުމާ ގުޅިގެން މިނިސްޓަރު މުއްޠަލިބު ލިންކްޑްއިންގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ރަސްމާލޭގައި ތަރައްޤީކުރާ 'މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ' މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ބޭރުގެ ސީދާ އިންވެސްޓްމަންޓް (އެފްޑީއައި) ކަމަށެވެ. އަދި މިފަދަ ބިޔަ މަޝްރޫޢަކާ ގުޅިގެން އާންމުންގެ މެދުގައި ފާޑުކިޔުންތަކާއި ސުވާލުތައް އުފެދުމަކީ ބަލައިގަނެވޭނެ ކަމެއްކަން ފާހަގަކުރައްވައި، ކަންބޮޑުވުން ފާޅުކުރަމުންދާ މުހިންމު ނުކުތާތަކަށް އެމަނިކުފާނު ވަނީ ތަފުސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.


އެއްބަސްވުމުގައި ސޮއިކުރާ ވަގުތު ދައުލަތަށް އެއްފަހަރާ ބޮޑު ފައިސާއެއް ނުނަގާ މައްސަލައިގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބިމު ކުއްޔަށްވުރެ ބޮޑަށް ޓީޖީއެސްޓީ ފަދަ ވިޔަފާރީގެ މުޢާމަލާތްތަކުން ނެގޭ ޓެކުހުން ކަމަށެވެ. އެހެންކަމުން، މި މަޝްރޫޢުގައި ވެސް ސަރުކާރުން ބަރޯސާވަނީ ހަމައެކަނި ސޮއިކުރާ ވަގުތު ލިބޭ އެއްޗަކަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


އޭގެ ބަދަލުގައި މި މަޝްރޫޢުގެ ދަށުން ދިގު މުއްދަތަކަށް ދައުލަތަށް ބޮޑެތި މާލީ މަންފާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެތަނުގައި ތަރައްޤީކުރާ ހުރިހާ ވިޔަފާރިތަކާއި ހޮޓާތަކުން އެއްވެސް ލުޔެއް ދިނުމަކާ ނުލައި ފުރިހަމައަށް ޓީޖީއެސްޓީ ނެގޭނެ ކަމަށެވެ. އަދި މާސްޓަރ ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ޙިއްޞާ ދައުލަތަށް ލިބުމުގެ އިތުރުން، އެތަނުން ވިއްކާ ޕްރޮޕަޓީ ވިއްކުމުގެ މުޢާމަލާތްތަކުން 4 އިންސައްތަ ސަރުކާރަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.


މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން މުޅި މަޝްރޫޢުގެ ހުރިހާ ސޭލްސް ރިސީޓްތައް ނުވަތަ ފައިސާ ބަހައްޓާނީ ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާ އެސްކްރޯ އެކައުންޓްތަކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބި، ރާއްޖޭގެ މުޅި ބޭންކިންގ ނިޒާމަށްވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިމި ފުރިހަމަވާއިރު، އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރަސްމާލެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތަރައްޤީގެ މަރުޙަލާގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް 54،000 އަށްވުރެ ގިނަ އައު ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow