އަޅުގަނޑުމެން ނިކުމެ މިތިބާ އައްޑޫ ސިޓީއަށް ހަގީގީ ބަދަލެއް ގެނައުމަށް: ލަޔާލީ

އަޅުގަނޑުމެން ނިކުމެ މިތިބާ އައްޑޫ ސިޓީއަށް ހަގީގީ ބަދަލެއް ގެނައުމަށް: ލަޔާލީ

2 hours ago - 15:01

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫ ސިޓީން ވާދަކުރާ ކެންޑިޑޭޓުން ނިކުމެ ތިބީ އެ ސިޓީއަށް ހަގީގީ ބަދަލެއް ގެނައުމަށް ކަމަށް ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލް މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފާތިމަތު ރަޝީދާ (ލަޔާލީ) ވިދާޅުވެއްޖެއެވެ.


ލަޔާލީ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. އައްޑޫ ސިޓީގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލަޔާލީ ވިދާޅުވީ، އައްޑޫގެ މަގުތަކުގެ ހާލަތު މިއަދު އޮތީ ދުއްވާ އެއްޗިއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި ފެންވަރެއްގައި ނޫން ކަމަށެވެ. އަދި މަގުތައް އަވަސް ފެންވަރެއްގައި ރަނގަޅަށް ހެދުމަކީ މިއަދުން މިއަދަށް ކުރަންޖެހިފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން، އައްޑޫގެ ނަރުދަމާ ނިޒާމާއި ސާފު ބޯފެނުގެ މަސައްކަތަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމަށާއި، ޒުވާނުންނަށް ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ލިބޭނެ ފުރުޞަތުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށްވެސް ލަޔާލީ ފާހަގަކުރެއްވިއެވެ. 


"މި ހުރިހާ ކަމަކަށް އޮތް ހައްލަކީ ސަރުކާރާ ގުޅިގެން، އެއް މިސްރާބަކަށް މަސައްކަތް ކުރާނެ ކައުންސިލެއް އޮތުން. އިދިކޮޅު ފިކުރުގައި ތިބެގެން ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި، އަމަލީ ގޮތުން ނަތީޖާ ދައްކާނެ ބަޔަކު ހޮވަންޖެހޭ،" ލަޔާލީ ވިދާޅުވިއެވެ.


ލަޔާލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ މުސްތަގުބަލަށްޓަކައި ނިންމާނެ އެންމެ ރަނގަޅު އެއް ނިންމުމަކީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ކެންޑިޑޭޓުން ނިކުމެ ތިބީ މުޅި އައްޑޫ ސިޓީއަށް ހަގީގީ ބަދަލެއް ގެނެސްދީ، ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ހޯދައިދިނުމަށް ކަމަށެވެ.                 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow