ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައިވަނީ މި މަހުގެ 14 ވީ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، އޭޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމައަށް ކަމަށެވެ. ނަމަވެސް، މިހާރު އެ މުއްދަތު ވަނީ 2026 މޭ 02 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ candidacy@elections.gov.mv އީ-މެއިލް މެދުވެރިކޮށް ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލްކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 4,114 މީހުންނަށް ލިބިގެންވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ 2024 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ކޯޓަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާ އޮތުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު ސިނާންގެ ގޮނޑި ގެއްލުނު ނަމަވެސް، އޭނާ ވަނީ އަލުން އެ ދާއިރާއަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވައި، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.
ރިއެކްޝަންސް

