މޭޔަރު އާޒިމަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ، އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުން ވަނީ މުއާޒްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އޭގެ ތެރޭގައި ސީސީޓީވީ ސްނެޕްޝޮޓްތަކާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ހައްޔަރުކުރި ފުލުހުންގެ ބަޔާންތައް ހިމެނެއެވެ. މީގެ އިތުރުން މުއާޒަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން މުއާޒް ބުނެފައި ވަނީ އޭނާ މޭޔަރުގެ އަރިހަށް ދިޔައީ ހަމައެކަނި ވާހަކަ ދައްކާލުމަށް ކަމަށެވެ. އަދި އޭނާއާ މެދު މާރާމާރީ ހިންގާފައި ވަނީ މުޒާހަރާގެ ބައިވެރިން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މި ހާދިސާ ހިނގި ވަގުތު ޓީވީން ލައިވްކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، މޭޔަރު އާޒިމް މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް މީހަކު ގޮސް އޭނާ ކޮށްޕާލައެވެ. އެއާއެކު އާޒިމްގެ އަރިހުގައި ތިބި މީހުން ވަނީ ވަގުތުން އެ މީހާ ފަހަތަށް ޖައްސައި ދުރަށް ފޮނުވާލާފައެވެ. މި ހާދިސާއާ ގުޅިގެން މޭޔަރު އާޒިމް ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ ސަރުކާރުން ދުރާލާ ރާވައިގެން ބަޔަކު ލައްވައި ދީފައިވާ ހަމަލާއެކެވެ. އެހެންނަމަވެސް، ސަރުކާރުގެ ފަރާތުން ވަނީ އާޒިމްގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
ރިއެކްޝަންސް

