
ހޯމް މިނިސްޓަރު އަލީ އިހްސާނަށް އިތުބާރު ނެތްކަމަށް ފާހެއްނުވި
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނުގެ މައްޗަށް އިތުބާރުނެތްކަމަށް އެމްޑީޕީގެ 12 މެމްބަރުން ހުށަހެޅުއްވި މައްސަލަ މަޖިލިހުގެ ބޮޑު އަގުލަބިއްޔަތަކުން ފެއިލްކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 75 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވީ މިނިސްޓަރަށް އިތުބާރު އޮތްކަމަށެވެ. އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެމްޑީޕީން ހުށަހެޅި އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވަނީ މައިގަނޑު ތިން މައްސަލަ އެވެ. އެއީ:
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް"އާ ދައުލަތަށް ގެއްލުންވާ ގޮތަށް ހަވާލުކުރުން
- ފުލުހުންގެ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރުވުން
- ޑީއެންއާރްގެ ޑާޓާ ސިސްޓަމްގައިވާ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޭނުންކުރި މައްސަލަ
އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިނިސްޓަރު އިހްސާން މިއަދު ވަނީ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެންފައެވެ.
ހުރިހާ ތުހުމަތު ތަކެއް ދޮގުކުރައްވައި ވަޒީރު ވަނީ މަޖިލީހުގައި، ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
އެގޮތުން ބިދޭސީންނާ ބެހޭ ސިސްޓަމާ ގުޅޭ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ 12 އަހަރު ކުރިން ފެށި މަސައްކަތެއްކަމަށާއި، މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް މަސައްކަތް ކުރިއަށްދިޔަ ކަމަށެވެ.
ފުލހުންނަށް ނުފޫޒު ފޯރުވާ މައްސަލާގައި ވިދާޅުވީ ފުލހުންނަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ޑީއެންއާރު އޮފީހުގައި ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމު ފުރި ކަމުގެ ތުހުމަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެއީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރި ކަމެއްކަމަށެވެ. މިނިސްޓްރީގެ 50 އެއްހާ ސިޔާސީ މުވައްޒަފުންނާ މި މަސައްކަތް ހަވާލުކުރި ކަމަށާއި، އެއީ ސިއްރުން ކުރި ކަމެއް ނޫންކަމަށްވެސް މިނސްޓަރު ވިދާޅުވިއެވެ.
ރިއެކްޝަންސް






