ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުން އައްޔަންކޮށްފި

ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުން އައްޔަންކޮށްފި

18 hours ago - 20:30

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުންތަކެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އައްޔަނުކުރައްވައިފި އެވެ.


ޕީސީބީން ހާމަކުރެއްވި ގޮތުގައި އެ ކުންފުނީގެ ބޯޑަށް މިއަދު ވަނީ ހަތަރު މެންބަރަކު އައްޔަނުކުރައްވާފަ އެވެ. އެ ބޯޑަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނަކީ:

  • ހުދާ ފަހީމް، ވިލަރެސް / ކ. ތުލުސްދޫ
  • ޢާއިޝަތު މަލްޙާ، ރަސްވެލި / ރ. ރަސްގެތީމު
  • ޢަލީ ޝިނާން، މއ. ރިހިރާޅު
  • ޢާއިޝަތު ޢަލީ، މ. ވާރޭވިލާ

މީގެ ތެރެއިން ޢާއިޝަތު މަލްޙާ ބޯޑަށް އައްޔަނުކުރައްވާފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގަ އެވެ.


ކުރިން "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" (އެމްއެމްޕީއާރުސީ) ގެ ނަމުގައި ހިންގަމުން އައި މި ކުންފުނީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. މި ބަދަލު ގެންނަވާފައިވަނީ ޖުލައި 13، 2024 ގައެވެ.


މި ކުންފުންޏަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، މާކެޓިންގ އަދި ޕްރޮމޯޝަންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މި ކުންފުނީގެ އެންމެ ބޮޑު މަގުސަދެވެ. ވިޒިޓް މޯލްޑިވްސްގެ ބޯޑަށް މި ގެނެވުނު ބަދަލުތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow