ކޯޓުތަކަށް އައްޔަންކުރި އާ ފަނޑިޔާރުންނާއެކު މައްސަލަތައް ނިންމުން އަވަސްވާނެ: ޖޭއެސްސީ

ކޯޓުތަކަށް އައްޔަންކުރި އާ ފަނޑިޔާރުންނާއެކު މައްސަލަތައް ނިންމުން އަވަސްވާނެ: ޖޭއެސްސީ

54 minutes ago - 22:47
Aug 13, 2026 - 22:49
Advertisement
Advertisement

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރެވުނު ފަނޑިޔާރުންނާއެކު އެ ދެ ކޯޓުގެ މަސައްކަތްތައް އިތުރަށް ހަލުއިވެ، މައްސަލަތައް ނިންމުން އަވަސްވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.


ހުސްނީ މިހެން ވިދާޅުވީ، އެ ދެ ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޖޭއެސްސީގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ދެ ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ޖެހުނީ ހުށަހެޅޭ މައްސަލަތައް އިތުރުވެ، ފަނޑިޔާރުންގެ މަސައްކަތުގެ ބާރު ބޮޑުވުމުގެ ސަބަބުން މައްސަލަތައް އަވަސްމިނުގައި ނިންމުމަށް ގޮންޖެހުންތަކެއް ހުރުމުންނެވެ.


ތަފާސްހިސާބުތަކަށް ބައްލަވައިލައްވަމުން ހުސްނީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް 1,913 އައު މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އެއީ އެ ކޯޓުގެ 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 18 މައްސަލައެވެ. ސިވިލް ކޯޓުގައި މައްސަލަތައް ލަސްވާކަމުގެ ޝަކުވާ ލިބެމުންދާތީ، ފަނޑިޔާރުންގެ އަދަދު މިހާރު ވަނީ 19 އަށް އިތުރުކޮށްފައެވެ. މި ވަގުތު އެ ކޯޓުގައި ނުނިމި ހުރި 3,218 މައްސަލަ އަވަހަށް ނިންމުމަށް އާ ފަނޑިޔާރުންގެ ސަބަބުން ބޮޑު އެހީއަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ހަމައެއާއެކު، ކްރިމިނަލް ކޯޓަށް ވެސް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1,098 މައްސަލަ ހުށަހެޅިފައިވާކަން ހުސްނީ ފާހަގަކުރެއްވިއެވެ. އެއީ އެ ކޯޓުގައި ތިއްބެވި 13 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލައެވެ. އެ ކޯޓުގައި މިހާރު ވެސް ނުނިމި 1,626 މައްސަލަ އޮތް އިރު، އާ ފަނޑިޔާރުންނާއެކު އެ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރި ފަހުން މަސައްކަތްތައް ހަލުއިވެފައިވާކަން ފާހަގަކުރައްވައި، ހުސްނީ މުބާރިކް ވަނީ ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ހުރިހާ ފަނޑިޔާރުންވެސް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement