
ފުވައްމުލަކު ދޫޑިގަމުގައި ހަދަމުންދާ މަސައްކަތް ފެބްރުއަރީ މަހަށް ނިންމާލެވޭނެ: މިނިސްޓަރ ޝަހީމް
މި މިސްކިތަކީ 1 އަހަރުގެ ތެރޭގައި ނިންމުމަށް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަވާލު ކުރެވުނު މަޝްރޫއެއް
ފުވައްމުލަކު ދޫޑިގަން އަވަށުގައި ސަރުކާރުން ޢިމާރާތް ކުރަމުންދާ މިސްކިތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ފުވައްމުލަކު ދޫގިޑިގަން އަވަށުގެ މިސްކިތާ ގުޅޭ ގޮތުން އެދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ދެންނެވި ސުވާލަކަށް މަޖިލީހުގެ ތަޅުމުގައި ޖަވާބު ދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް "ސްލޯ" ކޮށް ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެތިން މީހަކު ބައިތިއްބައިގެން ކަމަށެވެ.
"އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ އެ މިސްކިތުގެ މަސައްކަތަކީވެސް ވަރަށް ސްލޯކޮށް ދިޔަ މަޝްރޫއެއް" މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު އަޅުއްވައިދެއްވީ އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
11.9 މިނިއަން ރުފިޔާއަށް މި މަޝްރޫޢު ހަވާލް ކޮށްފައިވަނީ މިހާރުގެ ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބުގެ ބޭބެ އިބްރާހީމް މުއްޠަލިބުގެ އަމާން މޯލްޑިވްސް އަށް އެއް އަހަރުގެ ތެރޭގައި ނިންމުމަށެވެ.
ރިއެކްޝަންސް






