
އިޒްރާއިލްއިން ޣައްޒާ ޤަތުލްއާންމަށް ކުޑަވެސް ދުލެއްނުދީ މިއަދުވެސް 58 މީހަކު ޝަހީދުކޮށްލައިފި
ކާބޯތަކެތި ހޯދުމަށް ޣައްޒާގެ ރައްޔިތުން އެއްވެފައި ތިބި ތަންތަނަށް އިޒްރާއިލްއިން ވައިގެ މަގުންނާއި ބަޑިން ދިން ހަމަލާތަކުގައި މިއަދުވެސް 58 މީހަކު ޣައްޒާގެ އެކި ހިސާބުތަކުން ޝަހީދުވެފައިވާކަމަށް ސިއްހީ މަސްދަރުތަކުން ބުނެފިއެވެ.
ޣައްޒާގެ އިދާރާތަކުން ވަނީ މި އެންމެންވެސް މަރުވެފައިވަނީ އެމެރިކާއާއި އިޒްރާއިލްއިން ޤާއިމްކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)އިން އިންސާނީ އެހީ ބަހާ ސައިޓްތަކުންކަަށް ކަށަވަރުކޮށްދީފައެވެ.
ހަމަލާތަކުގައި ޒަހަމްވި ހަށިތައް އެންމެ ގިނައިން ގެންގޮސްފައިވަނީ މެދުތެރޭ ޣައްޒާގެ އަލް-އަވްދާ އަދި އަލް-އަޤްޞާ ހޮސްޕިޓަލަށެވެ. އެތަނުން އެއް ހޮސްޕިޓަލްއަށް ގެނައި މީހުންގެ ތެރެއިން 15 މީހަކު ހޮސްޕިޓަލްއަށް ގެނެވުނު އިރުވެސް ވަނީ މަރުވެފައި ކަމުގައި ހޮސްޕިޓަަލްއާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފައެވެ.
އެންމެ ގިނައިން މީހުން ޒަހަމް ވެފައިވަނީ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ހުންނަ އެހީ ބަހާ ސައިޓް ސަރަހައްދަށް އިޒްރާއިލްއިން ދިން ހަަމަލާތަކުގައެވެ. އެހީބަހާ ސައިޓްތަކަކީ 'މަރުގެ ދަންތުރަ ތަކެއް' ކަމަށް އދ އަދި އެސަރަހައްދުން ރިޕޯޓްކުރާ ނޫސްވެރިންވެސް ވަނީ ބުނެފަވެ.
މިދިޔަ މަހު ޖީއެޗްއެފް ގެ އޮޕަރޭޝަންތައް ފެށިފަހުން އެހީ ބަހާ ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި އެކަނިވެސް 274 މީހުން ޝަހީދުވެ 2000 ށްވުރެ ގިނަ މީހުން ޒަހަމް ވެފައިވާކަމަށް ޣައްޒާ ހެލްތްމިނިސްޓްރީން މައުލޫމާތު ދެއެވެ.
ހޮނިހިރު ދުވަހު އެހީ ބަހާ ސައިޓްތައް ބަންދުކަމަށް ޖީއެފްއެޗްއިން ބުނެފައި ވީނަމަވެސް އެސައިޓްތައް ކައިރީގައި އެހީ ހޯދުމަށް އެތައްބަޔަކު މިހާރުވެސް ވަނީ ތޮތްޖެހިފައެވެ.
އިޒްރާއިލްއިން ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮންނަތާ މިއީ 15 ވަނަ ހަފްތާއެެވެ.
ރިއެކްޝަންސް






