
އީވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޯގަސްޓް މަހު ފަހުކޮޅު - މިނިސްޓަރ އަމީން
ސަރުކާރުން ތަޢާރަފް ކުރާ އީވީ ޓެކްސީ ލައިންގެ ޚިދުމަތް އޯގަސްޓް މަހުގެ ފަހުކޮޅު ފަށާ, ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާނެ ކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޚިދުމަތަކީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށާއި ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރު އެޅުމަށް ސަރުކާރުން ތަޢާރަފްކުރާ ޚިދުމަތެއް ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައަޅާ، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު ފެށޭނެ ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފު ކުރިނަމަވެސް މިކަމުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންނަށް ދާއިމީ ވަޒީފާތަކެއް ހަމަޖެހިގެންދާނެ. އަދި ވަޒީފާ ދިނުމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގައި އޮންނަ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ %100 ތިމާވެއްޓާއިރައްޓެހި އުޅަނދުތައް ކަމަށެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނެއެވެ. މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުންގެ އިތުރުން ޕާޓް ޓައިމްކޮށް ދުއްވަން ވެސް ޑްރައިވަރުން ނަގަން ވަނީ ނިންމާފައެވެ.
މި އައު ޓެކްސީ ޚިދުމަތް ފެށުމުން، މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީ ޚިދުމަތް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ. މިނިސްޓްރީން ކުރިނަ މަސައްކަތް ކުރީ ޖުލައި މަހު ޚިދުމަތް ފަށާށެވެ.
ރިއެކްޝަންސް






