
އިޒްރާއިލް އާއި މިޞްރު ފިޔަވައި އެހެން ގައުމުތަކަށް އެމެރިކާގެ އާ އެހީގެ ޕްރޮގްތާމްތައް މެދުކަނޑާލައިފި
އެޗްއައިވީ ބަލި އަދި ސިއްހީ އެހީތެރިކަމާ ގުޅޭ ޕްރޮގްރާމްތަކަށް ދޭ އެހީތެރިކަން މެދުކަނޑާލާފައިވަނީ
އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާއިން ބޭރުގައުމުތަކަށް ދޭ އާ އެހީގެ ޕްރޮގްރާމްތައް މެދުކަނޑާލައިފިއެވެ. އެމެރިކާއާއި ގާތް ގުޅުމެއް އޮންނަ އިޒްރާއިލްއާއި މިޞްރު ފިޔަފައެވެ.
ހުކުރު ދުވަހު ޔޫއެސް ސްޓޭޓް ޑިޕަރޓްމަންޓް އިން ނެރުނު އަމުރުގައި ބުނެފައިވަނީ އޭގެ ތެރޭގައި އިމަޖެންސީ ކާބޯތަކެތީގެ އެހީތެރިކަން ނުހިމެނޭނެ ކަމުގައެވެ. ނަމަވެސް ފުރާނަ ސަލާމަތްކުރުމަށް ފޯރުކޮށްދޭ ޙާއްސަ ސިއްހީ އެހީތެރިކަމާ ގުޅޭ އެޗްއައިވީ ކަހަލަ ޕްރޮގްރާމްތަކަށް އާ ފަނޑިން ދިނުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައި ކަމުގައެވެ.
"އެކަން ކަށަވަރުކުރުމަށް, ޤާނޫނު ތަންދޭ އެންމެ މަތިން, އަލުން އެހީދޭ އެއްވެސް ޕްރޮގްރާމަކަށް އެހީތެރިކަން ދިނުން ހަމަޖެހިފައެއް ނެތް" އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓް, މާކޯ ރުބީނޯ އެ އަމުރާ އެކު ސީނިއަރ އޮފިޝަލުންނަށް އެޑްރެއްކޮށް ފޮނުވި މެމޯގައި ބުނެފައި ވެއެވެ.
މި އަމުރާއެކު އިންސާނިއްޔައްތަށް ހިދުމަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޫއެސް އެއިޑް ފަދަ ޖަމާއަތްތަކުގައި ކުރިން މަސައްކަތްކުރެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެއީ މޮޔަ ނިންމުމެއްކަމަށާއި, އެކަމުގެ ސަބަބުން އެތައްބަޔަކު މަރުވެގެން ދާނެއެވެ.
"ޓްރަމްޕްގެ ސަރުކާރުން ބޭރު ގައުމުތަކަށް ދޭ އެހީ ހުއްޓާލުމަކީ ހާލުގައި ޖެހިފައިވާ ސަރަޙައްދުތަކުގެ މީހުންގެ ދިރިހުރުމަށް އޮތް ނުރައްކަލެއް. އެމެރިކާއިން އެތައްދުވަހެއް ވަންދެން ދެމުން އައި އެހީތެރިކަން ހުއްޓާލުމަކީ މުޅި ދުނިޔެ ހަމަނުޖެހުމަކަށް ގޮސް އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމެއް" އޮކްސްފަމް އެމެރިކާގެ ވެރިޔާ އަބީ މެކްސްމަން ބުނެފައި ވެއެވެ.
އެހީތެރިކަން މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ޕްރޮގްރާމްތައް އެއްކޮށް ހުއްޓާލުމާގުޅޭގޮތުން ނުވަތަ ކުރިއަށްގެންދިއުމާ ގުޅޭގޮތުން އިތުރު ނިންމުމެއް ނިންމާމެ ކަމަށް ރުބީނޯގެ މެމޯގައި ވެއެވެ.
ހުކުރު ދުވަހު ނެރުނު މެމޯގައި ވަކިން ވަނީ އިޒްރާއިލް އަދި މިޞްރަށް ދޭ އަސްކަރީ އެހީތެރިކަން (އެކަންކަން ހަމަޖެއްސުމަށް ބޭނުންވާ އިދާރީ މަސައްކަތްކުރާ މީހުންގެ މުސާރަތައްވެސް ހިމެނޭގޮތަށް) ދެމަހައްޓާފައިވާ ކަމަށް ބުނެފައެވެ.
2023 ން ފެށިގެން ބޭރުގެ އެހީގެ ގޮތުގައި އެމެރިކާއިން 60 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ހޭދަކުރެއެވެ.
ރިއެކްޝަންސް






