ބޯހިޔާވަހިކަން ހޯދަންތިބި ތަކަނަށް ހަމާލާދީ ފަލަސްޠީނުގެ އެއް އާއިލާގެ 15 މެމްބަރުން މަރާލައިފި
ފަލަސްތީނުގެ އެއް އާއިލާއަކުން 15 މީހުން މަރާލި: ފޮޓޯ-އޭޕީ

ބޯހިޔާވަހިކަން ހޯދަންތިބި ތަކަނަށް ހަމާލާދީ ފަލަސްޠީނުގެ އެއް އާއިލާގެ 15 މެމްބަރުން މަރާލައިފި

30 days ago - 09:18
Aug 18, 2024 - 12:29

 

ބޯހިޔާވަހިކަން ހޯދަންތިބި ތަކަނަށް ހަމާލާދީ ފަލަސްޠީނުގެ އެއް އާއިލާގެ 15 މެމްބަރުން އިޒްރާއިލްއިން މަރާލައިފި އެވެ. އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މަރާލީ ގެދޮރު ގެއްލި, މެދުރެތޭ ޣައްޒާގެ އަޒް-ޒަވާއިދާ އަވަށުގައި ބީހިޔާވަހިކަން ހޯދައިގެން ގުދަނެއްގައި ތިބި 15 މެމްބަރުންގެ އާއިލާއެކެވެ. އެމީހުން މަރާލީ އެގުދަނަށް ބޮންއަޅައިގެންނެވެ. އެއާއިލާގައި ނުވަ ކުޑަކުދިން ހިމެނެއެވެ. 

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު, މަޙްމޫދު ބަސަލް ވިދާޅުވިގޮތުގައި މިއީ ޣައްޒާގެ އަޖްލާ އާއިލާގެ މެމްބަރުންނެވެ. މަރުވި މީހުންގެ ތެރޭގައި 3 އަންހެނުންވެސް ހިމެނެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ޖުމްލަ 16 އަށް އަރާކަމަށްވެސް ބަސަލް ވިދާޅުވިއެވެ.

މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަހް ގައި ހުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ތާރެގް އަބޫ-އަޒޫމް އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލްއިން އެ ގުދަނަށް ތިން މިސައިލް ހަމަލާ ދިނެވެ. ހަމަލާދިން ސަރަޙާއްދާއި ނުސައިރަތު ރެފިއުޖީ ކޭމްޕާއި ދެމެދު ހުންނާނީ ދެތިން ކިލޯމީޓާރުގެ ރާސްތާކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

Advertisement

"ވަރަށް ބޮޑު އަލިފާންގަނޑެއް އުފެދުނު. މުޅި ގުދަނުގައި ހުޅުހިފާ ދިޔައީ އަނދަމުން. ކުޑަކުދިންގެ ހަށިތައް ވީދިގެން ގޮސް ވަނީ ބުރައިގެން ގޮއްސަ. މީހުން ސަލާމަތް ކުރާ ޓީމުތަކުން މިހާރުދަނީ ހަށިތަކުގެ ބައިތައް އެއްކުރުމުގެ މަސައްކަތް ކުރަމުން" ތާރެގް ބުންޏެވެ.

ކުދިކުދިވެފައިވާ ހަށިތަކުގެ ބައިތައް އަލް-އަޤްޟާ ހޮސްޕިޓަލަށް ގެންގޮސް މިހާރުދަނީ ވަޅުލުމަށްޓަކައި އާއިލާ އާހަވާލުކުރުމަށް ތައްޔާރުވަމުންނެވެ.

މިހަމަލާ ދީފައިވަނީ ބައިނަލްއަގްވާމީ މީޑިއޭޓަރުންނާއި އެކު އެމެރިކާ, ގަތަރު އަދި މިޞްރުން ޣައްޒާގެ ހިންގަމުންގެ ގެންދާ ހަމަލާތައް ހުއްޓާލުމާ ގުޅެގޮތުން ހުކުރުދުވަހު ދޯހާގައި މަޝްވަރާކުރި ފަހުންނެވެ. 

"އެމީހުން ކީއްކުރީ އެމީހުންނަށް މިކަން ޙައްޤުވާން!" ޢަހްމަދު އަބޫ އަލް-ގޫލް ކިޔާ މަންޒަރު ދުށް މީހަކު އޭ.އެފް ޕީ ނިއުސް އާ ވާހަކަ ދައްކަމުން ބުންޏެވެ.

އަލްޖަޒީރާގެ ރިޕޯޓަރު އަބޫ-އަޒޫމް ރިޕޯޓްކުރި ގޮތުގައި ނުސައިރަތު ރެފިއުޖީ ކޭމްޕުގެ އުތުރުގައި މީހުން ދިރިއުޅޭ ސަރަޙާއްދަކަށް ވެސް ބޮންއަޅާ އެހެން އާއިލާއެއްގެ ހަތް މެމްބަރުންވެސް އިޒްރާއިލްއިން މަރާލިއެވެ.

"އަހަރެމެންނަށް އެބަ ފެނޭ ވަކިވަކި އާއިލާތައް ދިރިއުޅޭ ގެތަކަށް އިޒްރާއިލް އިން ހަމަލާދީ އެ އާއިލާތައް އެއްކޮށް ނެތިކޮށްލާތަން" އޭނާ ބުންޏެވެ.

 

ސަރަޙައްދު ދޫކޮށް ދިއުމުގެ އިތުރު އަމުރުތަކެއް

 

އުތުރު ޣައްޒާގެ މަޤާޒީ ރެފިއުޖީ ކޭމްޕް ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ މީހުން އެސަރަޙައްދު ދޫކޮށް ދިއުމަށް ހޮނިހިރު ދުވަހު އިޒްރާއިލްއިން ވަނީ އަންގާފައެވެ. މަޤާޒީ ރެފިއުޖީ ކޭމްޕް ހިމެނޭ ސަރަޙައްދަކުން ހަމާސްއިން އިޒްރާއިލްއަށް އަމާޒުކޮށް ރޮކެޓްތަކެއް ގޮއްވާލާފައިވާ ކަމަށާއި, އެކަމުގެ ބަދަލު އިޒްރާއިލްއިން ހަރުކަށިކޮށް ހިފާނެކަމަށް އަރަބިބަހުން އިޒްރާއިލް މިލިޓަރީގެ ތަރުޖަމާނު މެދުވެރިކޮށް އެންގި އެންގުމުގައި ވެއެވެ.

މީހުން ތޮއްޖެހިފައިވާ އެސަރަޙައްދު ދޫކޮށްދިއުމަށް އިޒްރާއިލްއިން މީގެ ކުރިންވެސް ތިންފަހަރެއްގެ މަތިން އަންގާފައިވެއެވެ. އެހެންކަމުން ވަންނާނެ ގެދޮރެއްނެތް ޣައްޒާގެ ރައްޔިތުން އަނެއްކާވެސް މީހުން ފުރިބާރުވެފައިވާ ދިއެރް އެލް-ބަލަހް އަށް ދިއުމަށް ދަތުރު ފަށާފައިވާކަމަށް އަބޫ-އަޒޫމް މަޢުލޫމާތުދެއެވެ.

ދިއެރް އެލް-ބަލަހް ގެ އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ޚައުދަރީ ޔޫއެން އެޖެންސީ އޮން ފަލަސްޠީނިއަން ރެފިއުޖީސް (އުންރުވާ) އާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލްއިން ޣައްޒާގައި ކަނޑައަޅާފައި "ހިއުމެނިޓޭރިއަން ޒޯން" ވަނީ %11 އަށް ކުޑަކޮށްފައެވެ. އެއާއެކު ވިއްސި ވިހާލިވެފައިވާ ދެމިލިއަނެއްހާ ފަލަސްޠީންގެ ރައްޔިތުން އެންމެ 363 ކޮޑިމީޓަރު ހިމެނޭ ޣައްޒާގެ %11 ގައި ރައްކާތެރިކަން ހޯދަން ދާނެ ތަނަކާމެދު ވަނީ ސުވާލު އުފެދިފައެވެ. 

ހަމަލާތައް ހުއްޓާލުމާގުޅޭ ދެޤައުމުގެ މަޝްވަރާތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް, އެންތަނީ ބްލިންކެން އިޒްރާއިލް އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ޖެހެމުންދާކަމަށާއި, ޑީލަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް މެދުއިރުމަތީގެ އެއްވެސް ޤައުމަކުން ކޮށްގެންނުނާނެކަމަށް އިންޒާރުދެއްވާފައެވެ.

ބައިޑެންގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސްގެ އިސްއޮފިޝަލެއް ކަމަށްވާ ސާމީ އަބޫ ޒުހްރީ އޭ.އެފް.ޕީ އަށް ފޮނުވި ޓެކްސްޓް މެޖެސެއްގައި ބުނެފައިވާގޮތުން ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ކުރާ މަޝްވަރާތަކަށް އަލިމަގެއް ފެނިފައިވާ ކަމަށް ބުނުމަކީ އެއްވެސް އަސާސެއްގެ މައްޗަށް ބުނާ ވާހަކައެއްނޫނެވެ. 

"ހަޤީޤީ މަޝްވަރާތަކުން ގޮތެއް ނިމޭތަނެއް އަހަރެމެންނަކަށް ނުފެނޭ. އެމެރިކާއިން ބޭނުންހާ ގޮތަކަށް ކުޅިބައި އަތުރަން މަސައްކަތް ކުރާތަން ފެންނަނީ" މެސެޖުގައި ވެއެވެ. 

ޣައްޒާގެ ހެލްތު މިނިސްޓްރީއިން ހޮނިހިރު ދުވަހު މަޢުލޫމާތު ދިންގޮތުގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި އެކަނިވެސް  އިޒްރާއިލް އިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 69 މީހުން މަރުވެ 136 މީހުން ޒަޙަމްވިއެވެ.

މިއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަހުން ޣައްޒާއިން މަރުވި މީހުންގެ އަދަދު 40,074 އަށް އަރާ, ޒަހަމްވި މީހުންގެ އަދަދު ވަނީ 92,537 ށް އަރާފައެވެ.

 

 

 

 

 

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow