ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް, އިޒްރާއިލްގެ ޢުދުވާން ވެސް ކުރިއަށް
ހޯމަ ދުވަހުގެ އިރު އެރީއްސުރެ މިހާތަނަށް 33 މީހަކު ޝަހީދުކޮށްލައިފި
މެދު ކެނޑުމަކަށްފަހު އިޒްރާއިލް-ހަމާސްގެ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް އަލުން މިވަނީ ފެށިފައެވެ. ޤަތަރުގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތައް އަދި ކޮޅެއްގައި ޖެހިފައި ނުވާއިރު އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނަށް މަޑުޖެހުމެއް ނެތެވެ.
އިޒްރާއިލްގެ އުދުވާނު އެންމެ ފުޅާކޮށް ހިންގާ އުތުރު ޣައްޒާގައި ހޯމަ ދުވަހު އިރު އެރީއްސުރެ މިހާތަނަށް 33 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އުތުރުގައި ހުރި ސިއްހީ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ އަރަބިކް ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާހުއްދީން ސްކޫލަށް ދިން ހަމަލާއެއްގައިވެސް ފަސް މީހަކުވެސް ވަނީ ޝަހީދުވެފައެވެ.
ސަލާހުއްދީން ސްކޫލަކީ އުތުރު ޣައްޒާގައި އިޒްރާއިލްއިން މަގުމަތިކޮށްފައިވާ އެތައްސަތޭކަ އާންމުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ތަނެކެވެ.
އިޒްރާއިލްއިން ޣައްޒާގެ އުތުރަށް އެއްވެސް ބަޔަކަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އުތުރު ޣައްޒާއަށް ފެނާއި ކާބޯތަކެތި އަދި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ މަގެއްވެސް ވަނީ ބަންދުކޮށްފައެވެ. އުތުރު ޣައްޒާ ޙިސާރުކޮށްގެން އިޒްރާއިލްއިން އުޅޭތާ މިހާރުވަނީ 100 ދުވަސް ފަހަނަ އަޅާ ގޮސްފައެވެ.
އުތުރު ޣައްޒާގައި ބޭނުންކުރޭވޭ ހާލަތުގައި ހުރި އެންމެ ފަހު ހޮސްޕިޓަލް, ކަމާލް އަދުވާން ގައި އިޒްރާއިލްގެ ސިފައިން ވަނީ ހުޅުޖަހާ އަންދާލާފައެވެ. އަދި އެ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އިޒްރާއިލްއިން އުތުރުގައި ހިންގަމުން ގެންދާ ޖަރީމާތަކުގައި މިހާތަނަށް 5000 ށްވުރެ ގިނަ މީހުން ޝަހީދުކޮށް ނޫނީ ގެއްލުވާލާފައި ވާކަމަށް ފަލަޞްޠީނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.
7 އޮކްޓޯބަރު 2023 ގައި އިޒްރާއިލްއިން ޣައްޒާގައި ފެށި ޢުދުވާނަށް 15 މަސް ވެފައި ވާއިރު ހަމަލާތަކުގައި މިހާތަނަށް 46,584 މީހަކު ޝަހީދުކޮށްލާފައި ވާކަމަށް ފަލަޞްޠީނުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.
ރިއެކްޝަންސް