ޕޯލިއޯ ވެކްސިން ހިފައިގެން ދިޔަ އދ ގެ ގާފިލާ 8 ގަޑި އިރަށްވުރެ ގިނައިރު ހިފަހައްޓައިފި
އދ ގެ އެޖެންސީ ފޮރ ފަލަސްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ކަމިޝަނަރ ޖެނެރަލް ފިލިއްޕޭ ލަޒާރިނީ ވިދާޅުވި ގޮތުގައި އިޒްރާއިލްއަށް ވާނީ މާކުރިން ޤާފިލާގެ ތަފްޞީލީ މަޢުލޫމާތުވެސް ޙިއްސާކޮށްފައެވެ.
ޕޯލިއޯ ވެކްސިން ކެމްޕެއިން އަކީ މީގެ މަހެއްހާ ދުވަސްކުރިން ފަލަސްޠީނުގެ 10 މަހުގެ ކުއްޖެއްގެ ގައިން ޕޯލިއޯ ފެނުމާ ގުޅިގެން އދ ން މުޅި ޣައްޒާގައި ކުރިއަށްގެންދާ ވެކްސިން ކެމްޕެއިން އެކެވެ. އުތުރު ޣައްޒާއަށް ދިޔަ ވެކްސިން ޤާފިލާގައި ފަލަސްޠީނާއި އެހެނިހެން ޤައުމުތަކުގެ އދ ގެ މުވައްޒަފުންވެސް ހިމެނެއެވެ.
ގާފިލާ ހިފަހައްޓާފައި ވަނީ ވަޑީ ޣައްޒާ ޗެކްޕޮއިންޓްގައި ބަޑީގެ ބިރު ދައްކަގެންނެވެ. އަދި އދ ގެ މުވައްޒަފުން ހައްޔަރުކުރާނެ ކަމުގެ ބިރުވެސް ދައްކާފައިވާ ކަމަށް ލަޒާރިނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. އަދި އިޒްރާއިލްގެ ބުލްޑޯޒަރުތަކުން އދ ގެ އެއްގަމު އުޅަނދުތަކަށް ބޮޑެތި ގެއްލުން ދީފައިވާކަމަށްވެސް އޭނާގެ ޕޯސްޓުގައި ވެއެވެ. އދ ގެ އުޅަނދުތަކަކީ ރައްކާތެރި އާމަރުވެސް ލާފައިވާ އުޅަނދުތަކެކެވެ.
އދ ގެ މުވައްޒަފުންނަށް އަނިޔާވެރިވެ, މުވައްޒަފުންނާ ދިމާއަށް ބަޑިޖަހާ ހައްޔަރުކޮށްފައިވާ އެތައް ހާދިސާއެއް މީގެކުރިންވެސް އިޒްރާއިލްގެ ސިފައިންގެ ފަރާތުންވަނީ ކުރިމަތި ވެފައެވެ. ހޯމަ ދުވަހުގެ ހާދިސާގައި 8 ގަޑިއިރު ހިފެއްޓުމަށް ފަހު އެމީހުން ވަނީ ދޫކޮށްލާ އަނބުރާ ފޮނުވާލާފައެވެ.
ބައިނަލްއަގުވާމީ ޤާނޫނު ބުނާގޮތުން އދ ގެ މުވައްޒަފުންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށް ހަމަކޮންމެ ވަގުތެއްގައިވިއަސް ފުރުޞަތު ދޭންވާނެއެވެ. އަދި އެމީހުންނަށް ރައްކާތެރިކަންވެސް ދޭންވާނެއެވެ. ނަމަވެސް އޮކްޓޯބަރ 7 ން ފެށިގެން އިޒްރާއިލްއިން ދެމުންދާ ހަމަލާތައް އދ ގެ އާންމުން ބަލައްޓާ ހިޔާވަހިތަކަށާއި އދގެ ސްކޫލްތަކަށްވެސް އަމާޒުކޮށްފައިވާ އިރު, ހަމަލާތަކުގައި އަންރްވާގެ 190 މުވައްޒަފުންވެސް ވަނީ މަރާލާފައެވެ.
ހޯމަ ދުވަހުގެ ހާދިސާއަށްފަހުވެސް އދގެ ޓީމުތަކުން މަސައްކަތްކޮށް އަންގާރަ ދުވަހު ވަނީ އުތުރު ޣައްޒާގެ އެތައްހާސް ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދީފައެވެ. އދ ގެ ޓީމުތަކުން ދަނީ ސުންނާފަތިވެފައިވާ ޣައްޒާގެ 10 އަހަރުން ދަށުގެ ހަމަ ކޮންމެ ކުއްޖަކަށްވެސް ވެކްސިން ދެވޭތޯ މަސައްކަތްކުރަމުންނެވެ.
އާދިއްތަ ދުވަހާ ހަމައަށް އދ ން ވަނީ ޣައްޒާގެ 446,000 ކުދިންނަށް ވެކްސިން ދީފައެވެ. ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭންޖެހޭ އުމުރުގެ 640,000 ކުދިން އެބަތިއްބެވެ.
ރިއެކްޝަންސް