ތަޖަކިސްތާން ބަލިކޮށް, ރާއްޖެ ފައިނަލަށް
ކާވާ ވިމެންސް ޗެލެންޖް ކަޕްގެ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމް ޖާގަ ހޯދައިފިއެވެ.
ހަތަރު ގައުމާއެކު ރާއްޖޭގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދީ ސެމީފައިނަލްގައި 3-1 ސެޓުން ތަޖަކިސްތާން ބަލިކޮށްގެންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅޭ މުބާރާތުގެ ސެމީފައިނަލް މެޗުގެ ފުރަތަމަ ސެޓް ރާއްޖެއިން ހޯދީ 25-17 ނެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓް 25-22 ން ތަޖަކިސްތާން ގެންދިޔައެވެ. ޖެހިގެން އައި ދެ ސެޓް ވެސް ރާއްޖެއިން ގެންދިޔައީ އިތުބާރާއެކު މޮޅަށް ކުޅެގެންނެވެ. އެއީ 25-12 އަދި 25-17 ނެވެ.
ސެމީފައިނަލް މެޗު ކުޅެމުންދިޔައިރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލާއި, ގޯތިތެރޭގައި ހުރި ސްކްރީން ކައިރީވެސް ދިވެހި ސަޕޯޓަރުން ދިޔައީ ޓީމަށް ސަޕޯޓް ކުރަމުންނެވެ. އެތެރެ ހޯލް އޮތީ ފުރިބާރުވެފައެވެ.
ލީގު ބުރުގައިވެސް ރާއްޖެއިން ތަޖަކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. މުބާރާތުގެ ފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހޭނީ ކިރްގިސްތާނާއެވެ. ލީގު ބުރުގައި ރާއްޖެ ވަނީ ތިން ސެޓުން ކިރުގިސްތާން އަތުން ބަލިވެފައެވެ. ފައިނަލް މެޗު ކުޅޭނީ މިރެއެވެ.
ރިއެކްޝަންސް