މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދާ ފިންގާ ޖެޓީތަކުގެ ތަނބު ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް
މާލޭގެ އުތުރު ފަރާތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ފިންގާ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ 15 މީޓަރު ދިގު ޖެޓީތަކަށް ހާއްސަ ތަނބު ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި ހިނގާ މަހުގެ 6 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، 15 މީޓަރުގެ ޖެޓީތަކުގެ ތަނބު ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. އަދި އޭގެ ފަހުން، އަންނަ ހަފުތާގެ ތެރޭގައި އެ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޖުމްލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ މާލޭގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދިނުމުގެ މަގުސޫދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫއު ނިމުމުން ބަނދަރުގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި ބޭރުގައި އޮންނަ އުޅަނދުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް ދަތުރުވެރިން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މިއީ ހާއްސަކޮށް ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، ލަގެޖު ހިފައިގެން ދަތުރުކުރާ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ރިއެކްޝަންސް





