ރަސްމާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަލާމަތީ ބާރުތަކަށް އެއްވެސް ހުރަހެއް ނޯންނާނެ: ހޯމް މިނިސްޓަރު
ރަސްމާލެއަކީ ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި، އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަމަށް ނުރައްކާވެދާނެ ކަމަށް ބުނެ ޒަމްޒަމް ފާރިޝް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޒަމްޒަމް ފާރިޝްގެ ޕޯސްޓުގައި ތުހުމަތުކޮށްފައި ވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލަައްބާރަށް، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އެ ސަރަހައްދުގައި ޕްރައިވެޓް ސެކިއުރިޓީ ބެލެހެއްޓުމުގެ އިޚްތިޔާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނާނެ އެފަދަ އެއްވެސް ނިންމުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުނިންމާނެ ކަމަށެވެ.
ރިއެކްޝަންސް

