އެފޯޑަބަލް ހައުސިން ޔުނިޓްގެ އިތުރު މަޝްރޫއެއް ފެށުމަށް ތައްޔާރުވަނީ
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަގުހެޔޮ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ" މެދުވެރިކޮށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 3,260 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލްއާއެކު ކުރެވުނު މަޝްވަރާތަކުން އެ ކުންފުނީގެ މާލީ ގާބިލުކަން ހުރި މިންވަރަށް ބަލައި، މިފަދަ އިތުރު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުމުން، އެކަމަށް ބޭނުންވާ އިތުރު ބިންތައް އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
"މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. އަޅުގަނޑުމެންނަށް އިތުރުރަށް ފާހަގަވިކަމަކީ ބީއެމްއެލްއާއެކު ކުރެވުނު މަޝްވަރާގައި ފައިނޭންޝަލް ކެޕޭސިޓީ ހުރި މިންވަރަށް ބަލާފައި އިތުރު ހައުސިނގ މަޝްރޫޢެއް ހިންގިދާނެތީ އިތުރު ބިންތަކެއް ބީއެމްއެލް އާއި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" ނާޒިމް ވިދާޅުވިއެވެ.
ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ މާލެ ސަރަހައްދުގައި ޖުމްލަ 4,000 ހައުސިން ޔުނިޓް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަން ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިމި، މި ދައުރު ނިމުމުގެ ކުރިން އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަމާޒަކީ ވީހާވެސް އަވަހަށް އަދި ލުއި ގޮތްތަކެއްގެ މަތިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
ރިއެކްޝަންސް





