ރަސްފަންނު މަރާމާތުކުރުމަށްފަހު އަލުން އާންމުންނަށް ހުޅުވާލައިފި
މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމަށްފަހު، އަލުން އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އެ ސަރަހައްދު ބަންދުކުރީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މި މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީ ގުޅިގެންނެވެ. އެގޮތުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ އުތުރު ފަރާތުގެ ޑްރެއިނޭޖް ރަނގަޅުކުރުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުން.
- މޫދަށް އެރޭ ސަރަހައްދުގައި ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުން.
ރަސްފަންނަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް 2016 ވަނަ އަހަރު ތަރައްގީކުރެއްވި ތަނެކެވެ. ނަމަވެސް، ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން އެ ސަރަހައްދު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ، އެ ސަރަހައްދުގެ ހާލަތު ގޯސްވެ، ދޭތެރެދޭތެރެއިން ބަންދުކޮށްގެން މަރާމާތުކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މި ފަހަރުގެ މަރާމާތާއެކު، ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ދައުރުވުން ރަނގަޅުވެ، އާންމުންނަށް ރައްކާތެރިކަމާއެކު އެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
ރިއެކްޝަންސް





