
ޤާސިމް އިބްރާހީމްގެ ހަޔާތު ނާމާ ނެރެފި
ވިިޔަފާރުވެރިޔާ ޤާސިމް އިބްރާހީމްގެ ޙަޔާތުގެ ތަޖުރިބާއާއި ޢިބްރަތްތަކުގެ މައްޗަށް ލިޔެފައިވާ ހަޔާތު ނާމާ ނެރެފިއެވެ. ޤާސިމް އިބްރާހީމްގެ ބަޔޮގްރަފީ ނެރެދެއްވީ ކުރީގެ މިނިސްޓަރ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމް އެވެ. ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ބައްޕަ ނެތް ދުނިޔޭގައި އިލްޔާސް އަކީ ބައްޕަ ކަމަށެވެ.
ހަތްސަތޭކައަށް ވުރެ ގިނަ ޞަފްހާ ހިމެނޭ ގާސިމްގެ ބަޔޮގްރަފީ ފޮތާއެކު އީބުކްއާއި އޯޑިއޯ ވާޝަންވެސް ވަނީ އިފްތިތާހުކޮށް ޢާއްމުކޮށްފައެވެ. މިފޮތުގައި ގާސިމްގެ ތުއްޕުޅުއިރުން ފެށިގެ ހަޔާތުގެ ދަތި ދުވަސްތައް ކަޑައްތުކޮށް ވިޔަފާރީގެ ތެރެއަށް ވެންނެވި ގޮތާއި, ވިޔަފާރިއާއި ސިޔާސީ ގޮތުން ހޯއްދެވި ކުރިއެރުންތަކާއި ކާމިޔާބީ ތަކުގެ ވާހަކަ ލިޔުއްވާފައިވެއެވެ.
ބަޔޮގްރަފީ ނެރުމުގެ ރަސްމިއްޔާތާއެކު ގާސިމްގެ ހަޔާތުގެ އެކި މަރުހަލާތައް ދައްކުވައިދޭ މައުރަޒެއްވެސް ވަނީ ހުޅުވާފައެވެ. ބަޔޮގްރަފީ ނެރުމުގެ ރަސްމިއްޔާތުގައި ގާސިމްގެ އެންމެ ބޮޑު ޝުކުރު ތައުރީފެއް އޮއްސާލެއްވީ އެންދެރިމާގޭގެ ބޭފުޅުންނަށެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އާއިލީ ގެކޮޅެވެ. އިލްޔާސް އިބްރާހީމް އާއި އައްބާސް އިބްރާހީމްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ގާސިމް އިބްރާހީމް ތުއްޕުޅު އިރާއި ޒުވާން ދުވަސްވަރު އެގޭގައި ދިރިއުޅުއްވިއެވެ. ގާސިމް ވިދާޅުވީ ލިބިވަޑައިގެންނެވި ތަރުބިއްޔަތާއި, ޚާއްޞަކޮށް މަސައްކަތުގެ މައިދާނުގައި ލިބިވަޑައިގެންނެވި ފިލާވަޅުތަކުގެ އަސްލަކީ އެންދެރިމާގެ ކަމަށެވެ.
މީގެއިތުރުން ގާސިމް ވަނީ ކުރީގެ ރައީސް މައުމޫނަށްވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ވިދާޅުވީ މިއަދު މިދެކޭ ޑިމޮކްރަސީ ގެނެވުނީ މައުމޫން އެކަން ކުރައްވަން ބޭނުންފުޅުވުމުން ކަމަށެވެ. މައުމޫން އިއުލާނުކުރެއްވި އިސްލާހީ އެޖެންޑާގައި ނުހިމެނޭ ކަމެއް މިއަދުވެސް ނުހިނގާ ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ބައެއް ބޭފުޅުން ވިދާޅުވިޔަސް, މައުމޫނަކީ 'ޑިކްޓޭޓަރެއް' ނޫން ކަމަށެވެ.
މައުމޫންގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގެ މަރުހަލާގައި ޖަލަށް ވަޑައިގަންނަންވަން ޖެހުމަކީވެސް އަނިޔާއެއް ނޫން ކަމަށާއި, އެއީ ފކުރިއަށް ވަޑައިގަންނަވަން ލިބުނު ފިލާވަޅެއް ކަމަށް ވިދާޅުވިއެވެ. ގާސިމް ވަނީ ރައީސް މައުމޫނުގެ ދައުރުގައި ފިނޭންސް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފައެވެ. އޭގެފަހުން އައި ވެރިކަންތަކުގައިވެސް ވަޒީރުކަން ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރެއްވިއެވެ.
ގާސިމް އިބްރާހީމްގެ ބަޔޮގްރަފީ ލިޔުއްވީ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލެވެ.
ރިއެކްޝަންސް






