
48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށުމުން މަސްވެރިން އަނބުރާ ދޯނިތަކަށް އެބައާދޭ- މިނިސްޓަރ
ވަޒީރު މިފަދައިން ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށުމުން މަސްވެރިން އަނބުރާ ދޯނިތަކަށް އެބައަންނަ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ފެށުމުން މަސްވެރި ސިނާއަތަށް އައި ބަދަލަކީ ކޮބައިތޯ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް މަސްވެރި އާއިލާތައް ތަމްސީލްކުރާތީއާއެކު އެއާއިލާތަކަށް އަންނަ ބަދަލުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެއާއިލާތަކުގެ ފުދުންތެރިކަމަށް ހެޔޮ ބަދަލުތައް އަންނަމުންދާކަމަށް ވިދާޅުވިއެވެ. ފައިސާ ވައުދާ އެއްގޮތަށް ބަރާބަރަށް ދޭން ފެށުމުން ސޮސައިޓީ ތެރޭގައާއި އިކޮނޮމީ ތެރޭގައި ފައިސާ އެނބުރޭ ކަމަށާއި, އޭގެ ހެޔޮ އަސަރު ކުރާކަމަށް ވިދާޅުވިއެވެ.
" ޕްރައިވެޓް މަސްގަންނަ ކުންފުނިތަކަށްވެސް މިއަދު މަޖުބޫރުކަމެއް އެބައޮވޭ ވީހާވެސް އަވަހަކަށް މަސްވެރިންގެ އަތުން މަސްގަނެ, އެފައިސާ ދައްކާ ޚަލާސްކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
މެމްބަރު އިއްބެ ކުރެއްވި ދެވަނަ ސުވާލެއްގެ ޖަވާބުގައި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާވަރަށް ދިވެހިރާއްޖޭގެ މެރިޓައިމް ސެކިއުރިޓީ ވަރުގަދަކުރުމަށް ވަސީލަތް ހަމަކުރަމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާ ކަމަށެވެ. ރާއްޖެ ސަރައްހަދަށް ވަދެގެން ހިފަހައްޓަންޖެހޭ އުޅަނދުވެސް މިހާރު މަދުކަން ތަފާސް ހިސާބުތަކުން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ދޯނިފަހަރުގައި ވީއެލްޑީ ވެސެލް ލޮކޭޝަން ޑިވައިސް ހަރުކޮށް މަސްވެރިން ދުރަށް ނިކުންނައިރު މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމް ކުރެވޭ ނިޒާމް ގާއިމްކޮށް ހަރުދަނާ ކުރުން ކަމަށެވެ. އެނިޒާމް ފުރިހަމަވުމުންވެސް ރާއްޖޭގެ ކަނޑުތަކުގެ ރައްކާތެރިކަމާއި, މަސްވެރިންގެ ރައްކާތެރިކަމަށް ވަރަށްބޮޑު ހައްލެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފްއިންވެސް ވަރަށްބޮޑު މަސައްކަތްތަކެއް ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ވީއެލްޑީ ވެސެލް ލޮކޭޝަން ޑިވައިސް މިހާރުވެސް ދޯނިތަކުގައި ހަރުކޮށްފައި ހުއްޓަސް އެނިޒާމްގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






