
ޣައްޒާގައި ހަމާލާތައް ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެންނާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދީފި
ހަމަލާތައް ހުއްޓާލުމާގުޅޭ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުން ހަމާސްއިން ފަސްކުރުމާއި އެކު ހަމަލާތައް ހުއްޓާލާފައި އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
"ހޮނިހިރު ދުވަހާ ހަމައަށް އިޒްރާއިލްގެ ރަހީނުން ހަމާސްއިން މިނިވަން ނުކޮށްފިނަމަ ހަމަލާތައްހުއްޓާލުމާ ގުޅޭ އެއްބަސްވުން ނިމުމަކަށް ގެންނަންޖެހޭނެ" ޓްރަމް ބުނެފައި ވެއެވެ.
ހަމާސްއިން ބާކީ ތިބި ރަހީނުން މިނިވަންކުރުން މަޑުޖައްސާލާފައިވަނީ އިޒްރާއިލްއިން ކަނޑައެޅިގެން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފްވަމުންދާތީ އެކަމާ އިޙްތިޖާޖު ކުރުމުގެ ގޮތުންނެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުން މެރުން ހުއްޓާލާފައި ނުވުމާއި, އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުމަށް ހުރަސްއެޅުން ހިމެނެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ހަމަލާތައް ހުއްޓާލަން އެއްބަސްވީ ފަހުން އިޒްރާއިލްއިން ވަނީ ޣައްޒާގެ 110 މީހަކު ޝަހީދުކޮށްލާފައެވެ. އެއްބަސްވުމުގެ ދަށުން ދުވާލަކު 600 ޓްރަކްގެ އިންސާނީ އެހީ ޣައްޒާއަށް އެތެރެވާންޖެހެއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ދަނީ ޣައްޒާއަށް ވަންނަ އެހީގެ ނިސްބަތް މަދުވަމުންނެވެ. އަދި އިޒްރާއިލްގެ އަސްކަރިއްޔާއިން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ.
ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން 33 މީހަކު މިނިވަންކުރުމަށް އެއްބަސްވެފައިވާއިރު އޭގެ ތެރެއިން 21 މީހަކު މިހާރުވަނީ މިނިވަންކޮށްފައެވެ. ހަމާސްއިން ކުރިން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭގެތެރެއިން 8 މީހަކު ވަނީ އިޒްރާއިލްގެ ހަމަލާތަކުގައި މަރުވެފައެވެ. އަދި އިމާރާތްތަކުގެ ދަށުން ހަށިތައް ނެގުމުގައި ބޭނުންކުރާނެ އާލާތްތަކާއި އުޅަނދު އެތެރެކުރުމަށް އިޒްރާއިލްއިން ހުރަސްއަޅާފައި ވުމީ ރަހީނުން ބަދަލުކުރުން މަޑުޖައްސާލަންޖެހުނު މައިގަނޑު ސަބަބު ކަމުގައި ވެސް ހަމާސްއިން ބުނެފައި ވެއެވެ.
ޓަރަމްޕް ގެ ވިދާޅުވުމާއެކު އިޒްރާއިލްގެ އަސްކަރިއްޔާއިން ސިފައިންނަށް ދީފައިވާ ޗުއްޓީތައް ކެންސަލްކޮށް މައިދާނަށް ނިކުތުމަށް ވަނީ މިހާރު އަންގާފައެވެ. އަދި ޣައްޒާ ވަށާއިގެން ހަރަކާތްތެރިވާ އަސްކަރިއްޔާގެ ފައުޖުތައް މިހާރުވަނީ އިތުރުކޮށްފައެވެ.
ރިއެކްޝަންސް






