
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފަށާ, ދޮޅު އަހަރުން ނިންމާނަން- މިނިސްޓަރ
އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފަށާ, ދޮޅު އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ސިޓީގެ މެމްބަރަކު މިއަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ މިއަހަރު މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެކުރިން ވަޒީރު ވަނީ އެކަމަށް ބޭނުންވާ ފަންޑް ހަމަޖެހިފައިވާ ކަމަށް މަޖިލިހުގައި ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މިއަދު މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންވެސް ފަންޑް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ދެއްވިއެވެ. މަސައްކަތް ފަށާނެ ސީދާ ދުވަހެއް ވިދާޅުނުވިޔަސް މިއަހަރު މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ދޮޅު އަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ.
" އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެމަސައއްކަތް ފަށާނަން. ދޮޅު އަހަރުތެރޭގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމަށް ރޭވިފައިވާ މަޝްރޫއު ނިންމާ އިރާދަކުރެއްވިއްޔާ ޚިދުމަތް ދޭނަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މިދިޔަ ސަރުކާރުންނާއި އޭގެ ކުރީ ސަރުކާރުންވެސް ވަރަށްގިނަ ވާހަކަދެއްކެވި ކަމަށެވެ. އެކަމަކު މިސަރުކާރަކީ އަމަލުންވެސް އެކަން ދައްކާ ސަރުކާރެއް ކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތާ ގުޅިގެން މިދިޔަ ސަރުކާރުން ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ނުފުއްދިވާ ބައެއް ވައުދުތައް މިއަދު ޕީއެންސީގެ ބައެއް މެމްބަރުން ފާހަގަވެސް ކުރެއްވިއެވެ. އޭގެތެރޭގައި ހިތަދޫގައި ގޭދޮށު މަސްފެކްޓަރީ އަޅަން 2020 ވަނަ އަހަރުގެ މެއިމަހު ސޮއިކުރެއްވުމާއި, ހަމައެއަހަރު އައްޑޫ ސިޓީގެ ހުޅުމީދޫ އަދި މަރަދޫގައި ގޭދޮށު މަސްފެކްޓަރީ އަޅަން ސޮއިކުރެއްވުމާއި, 2021 ވަނަ އަހަރު
ނ. ކެނދިކޮޅުގައިވެސް ގޭދޮށު މަސްފެކްޓްރީއެއް އަޅަން ވައުދުވެވަޑައިގެންވި ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ފައިސާތަކަށް އެމްޑީޕީން ޙިޔާނަތްތެރިވީ ކަމަށެވެ.
ރިއެކްޝަންސް






