މި އަންނަ ހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ސަރުކާރު ބަންދު!
ކުރިއަށް އޮތް 2026 އެޕްރީލް 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ ދުވަސް ބަންދު ކުރެއްވުމަށް ނިންމެވީ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމާ ގުޅިގެންނެވެ.
އިންތިޚާބާ ގުޅޭ އެކިއެކި މުހިންމު މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާތީ، އެޕްރީލް 5 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އިންތިޚާބަށް ފަހުގައިވެސް އިންތިޚާބާ ގުޅުންހުރި މުހިންމު އިދާރީ މަސައްކަތްތަކެއް ކުރިއަށްދާނެތީ، އެޕްރީލް 6 ވާ ހޯމަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މި އެދިވަޑައިގަތުމާ ގުޅިގެން، އިންތިޚާބުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެ ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅުއްވާފައެވެ.
ރިއެކްޝަންސް









