ދަރަނީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކޮމަންވެލްތުގެ އެހީތެރިކަން އިތުރުކުރަންޖެހޭ: ރައީސް

ދަރަނީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކޮމަންވެލްތުގެ އެހީތެރިކަން އިތުރުކުރަންޖެހޭ: ރައީސް

6 hours ago - 22:56
Advertisement
Advertisement

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ވިލުންތެރިކަން ބިނާކުރުމަށާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިންގ) ހޯދުމުގެ އިތުރުން، ދަރަނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން މިހާރަށްވުރެ ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކޮމަންވެލްތަކީ ސުލްހަ މަސަލަސްކަމާއި، ހެޔޮވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމުގައި އެއްބައިވަންތަކަމުގެ ނަމޫނާ ޖަމާއަތެއްކަން ފާހަގަކުރެއްވިއެވެ.


"ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" – މިއަހަރުގެ މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި މި ޝިއާރުން ރަމްޒުކޮށްދެނީ، ކޮމަންވެލްތަކީ އޭގެ މަގުސަދުތައް ހާސިލުކުރުމުގައި އެކަތިގަނޑެއްގެ ގޮތުގައި އޮތް ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ ރޫހު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ދިވެހިރާއްޖެއިން އެންމެ އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި، ތައުލީމީ ދާއިރާ ކުރިއެރުވުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ހަމަހަމަކަމާއެކު ހުރިހާ މުޖުތަމައުތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. ވަކިން ހާއްސަކޮށް، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ނޭދެވޭ އަސަރުތަކާއި ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޤައުމުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement
Advertisement


ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ހުރިހާ ޤައުމަކަށް ފާގަތިކަން ހޯދައިދިނުމަށްޓަކައި، ކޮމަންވެލްތުގެ ތެރެއިން ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކުރިއަށް އޮތް ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ ޤައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އައުކޮށް، އެކުލަވާލާފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވަމުން، ކޮމަންވެލްތުގެ އާއިލާއަށް ހަރުދަނާ ނަތީޖާތަކެއް ހޯދައިދިނުމުގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.                  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement