
ކެޓް ޝެލްޓަރު، "އޮޅުހިޔާ" ފެސިލިޓީއަށް ބުޅާ ގެންދަން ފަށައިފި
މާލޭގައި އުޅޭ ބުޅާތައް ބަލަހައްޓާނެ "އޮޅުހިޔާ" ފެސިލިޓީއަށް މިއަދު ބުޅާތައް ގެންދަން ފަށައިފިއެވެ.
އެގްރިކަލްޗަރ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް 15 ބުޅާ އެތަނަށް ވަނީ ގެންގޮސްފައެވެ.
މިނިސްޓްރީން ބުނީ އޮޅުހިޔާ ފެސިލިޓީއާ ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. މިކަން ހާސިލްކުރެވުނީ މިނިސްޓްރީގެ ޓާސްކް ފޯސްގެ މަސައްކަތާއި އެންޖީއޯތަކުގެ އެއްބާރުލުމާއެކު ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އޮޅުހިޔާ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ތައްޔާރުކުރި ތަނެކެވެ. ނަމަވެސް، މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ވަސީލަތްތައް ޤާއިމުކުރެވިފައި ނުވާތީ، މިހާތަނަށް އޭގެ ޚިދުމަތް ފެށިފައި ނުވެއެވެ.
އިއްޔެ ވަނީ މާލެ ސިޓީ ކައުންސިލުން އެ ފެސިލިޓީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މިއަދުން ފެށިގެން އެ ފެސިލިޓީގެ ޚިދުމަތް ފެށި، ބުޅާތައް އެތަނަށް ގެންދަން ވަނީ ފަށާފައެވެ.
މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް އޮޅުހިޔާ ފެސިލިޓީއަށް ގެންދަން ފަށާފައިވާ އިރު މާލެ ސަރަހައްދުގައި ބުޅާ ގިނަވުމަކީ އާއްމުންގެ ބޮޑު ޝަކުވާއަކަށްވެފައިވާ ކަމެކެވެ.
ރިއެކްޝަންސް






