
ވާނުވާ ބަންދުގައި ތިބިފަރާތްތަކަށް ލުއިދިނުމުގެ އަމަލީ މަސައްކަތް ފެށިއްޖެ: ރައީސް މުޢިއްޒު
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ލުއިދިނުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްމެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.
"މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ." ރައީސް މުއިއްޒުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ޕޯސްޓެއް ކުރައްވާފައިވާ އިރު ދާދިފަހުން އެމަނިކުފާނު ވަނީ ވާނުވާ ބަންދުގެ މައްސަލާގައި އަޑު އުފުލަމުންދާ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފައެވެ. އަދި އޭގެފަހުން ވާނުވާބަންދާއި ގުޅުންހުރި ދައުލަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވާ މިކަމުގައި ދެވެންހުރި ލުއިތަކާއި ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވާފައެވެ.
ރިއެކްޝަންސް






