ޚަރަދު 17.9 އިންސައްތަ ދަށްކޮށް، ބަޖެޓްގެ ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް
ޚަރަދުތައް ސަރުކާރުން ވަނީ ކުޑަކޮށްފަ

ޚަރަދު 17.9 އިންސައްތަ ދަށްކޮށް، ބަޖެޓްގެ ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް

2 days ago - 19:06
May 28, 2025 - 19:06

ދައުލަތުގެ ބަޖެޓުން މިމަހުގެ 22 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރި ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 13.7 ބިލިއަން ރުފިޔާ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް ޢަދަދެކެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ރިކަރަންޓް ޚަރަދުގެ 60.9 އިންސައްތަ ހޭދަކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ޚަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅައިބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު ވަނީ 27.1 އިންސައްތައިން ދަށްވެފައެވެ. ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 15.7 އިންސައްތައިން ދަށްވެފައެވެ. މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، އާސަންދައަށާއި، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި، ލޯނުގެ ޚިދުމަތަށް ޚަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު އިތުރެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުތަކާއި ބްރިޖްތަކާއި އެއަރޕޯޓްތަކަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި މިފަދަ ކަންކަމަށް ހިނގާނެ ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވާ މިންވަރުގެ 10.5 އިންސައްތައެވެ.

Advertisement
Advertisement

2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 801.1 މިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ޚަރަދުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow