މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ ކަރަންކާ މަގުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރުއެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހަމަލާދީފައިވަނީ މާލޭގެ ކަރަންކާ މަގުގައި އެމީހާ ހުއްޓައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި ހަމަލާގައި އެމީހާގެ ކަރަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





