އިންތިޚާބުތަކުން ލިބުނު މޮޅާ އެއްވަރަށް ނާކާމިޔާބީވެސް ގަބޫލުކުރަން: ރައީސް

އިންތިޚާބުތަކުން ލިބުނު މޮޅާ އެއްވަރަށް ނާކާމިޔާބީވެސް ގަބޫލުކުރަން: ރައީސް

7 hours ago - 23:29

ނިމިގެންދިޔަ ބައި-އިލެކްޝަންތަކުގައި ލިބުނު މޮޅާ އެއްވަރަށް ނާކާމިޔާބީވެސް ލިބިއްޖެ ކަމަށާއި، އެ ހުރިހާ ކަމެއް ބަލައިގަނެ ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރައީސް މިހެން ވިދާޅުވީ، ރަސްދޫ، އުކުޅަސް އަދި ތުއްޑޫގެ ކައުންސިލް ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޕާޓީ ވަރުގަދަކޮށް ޕާޓީއާ އެކު ކުރިއަށްދާންވީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ބަޔަކަށް ވާނަމަ، ދިމާވާ ކަންކަމުގެ ހަގީގަތް ގަބޫލުކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


"ވަރަށް މޮޅުވި، ވަރަށް ބޮޑެތި މޮޅުތައް ލިބިއްޖެ މި ދާއިރާ އާ މިކަހަލަ ބައެއް ދާއިރާތަކުން. އެހެންނަމަވެސް ވަރަށް ބޮޑެތި ނާކާމިޔާބީ ވެއްޖެ. އެހެންވީމާ ކާމިޔާބާ ނާކާމިޔާބީ ހިމެނޭ މި އިންތިހާބުގެ ރައްޔިތުންގެ ނިންމުން އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން. އަދި އެ ނާކާމިޔާބީތަކުން ޚާއްޞަކޮށް ފިލާވަޅު ލިބިގެން، ރައްޔިތުން އެ ވިދާޅުވާ ކަންކަން އިރާދަކުރެއްވިއްޔާ އިޞްލާޙު ކުރުމުގަ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.


ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިމަތިވާ ކަންކަމުން އަރައިގަތުމުގެ ހިތްވަރު ހުންނަން ޖެހޭނެއެވެ. އަދި އެއްވެސް ކަމެއް ގަބޫލުނުކޮށް، މުޅި އިންތިޚާބު އޮޅުވާލި ކަމަށް ބުނެ ލޯމަރާލާފައި ދިއުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.


އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓު ނާކާމިޔާބުވީ، ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް އެކަން ރަނގަޅަށް އޮޅުންފިލުވައި ނުދެވުމުން ކަމަށާއި، މިއީ ލިބުނު މުހިންމު ފިލާވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނީ ލިބުނު ކާމިޔާބީތަކުންވެސް ފިލާވަޅު ލިބިގަނެ، އެ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި ޕާޓީ އިތުރަށް ވަރުގަދަކޮށްގެން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow