ނިމިދިޔަ މޭ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.05 ބިލިޔަން ރުފިޔާ ލިބިއްޖެ
މިދިޔަ މޭ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތަ ދަށް އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މޭ މަހު ލިބުނު އާމްދަނީގެ ތެރޭގައި 88.54 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އާމްދަނީ ލަފާކުރި މިންވަރަށްވުރެ 0.3 އިންސައްތަ ދަށްވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 19.5 އިންސައްތަ ދަށްވުމެވެ. މީގެ އިތުރުން ޖީ.އެސް.ޓީ، ފަތުރުވެރިކަމުގެ ބިމު ކުލި އަދި ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުންވެސް މީރާއިން ފާހަގަކުރެއެވެ.
މިދިޔަ މަހުގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު:
ޖީ.އެސް.ޓީ: 1.15 ބިލިޔަން ރުފިޔާ (ޖުމްލަ އާމްދަނީގެ 56.3%)
އާމްދަނީން ނަގާ ޓެކްސް: 234 މިލިޔަން ރުފިޔާ
އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ: 158 މިލިޔަން ރުފިޔާ
ޑިޕާޗަރ ޓެކްސް: 156 މިލިޔަން ރުފިޔާ
ގްރީން ޓެކްސް: 139 މިލިޔަން ރުފިޔާ (ޖުމްލަ އާމްދަނީގެ 6.8%)
ވޯކް ޕާމިޓް ފީ: 7.1 މިލިޔަން ރުފިޔާ
ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މޭ މަހު 382 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 242.13 މިލިޔަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސްގެ ތެރެއިން ހޯދި 68.19 މިލިޔަން ރުފިޔާ ހިމެނެއެވެ. އަދި އިންސްޓޯލްމަންޓް އުސޫލުން 58.98 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން 9.24 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.
މީރާއިން ވިދާޅުވީ މޭ މަހު ލިބުނު އާމްދަނީގެ 13.8 އިންސައްތައަކީ ކުރީ މަސްތަކުގައި ނުދައްކާ ހުރި ފައިސާ ކަމަށެވެ. އަދި 21.9 އިންސައްތައަކީ އެ އިދާރާގެ އިސްނެގުމަށް ކުރި މަސައްކަތުން ހޯދި ފައިސާއެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުކުރުމަށްޓަކައި ގަވާއިދުގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ރިއެކްޝަންސް





