ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އައު ގަވާއިދެއް އެކުލަވާލައި، ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފި
ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އައު ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
މި ގަވާއިދަކީ ރާއްޖެއަށް އެތެރެކުރާ، ރާއްޖޭން ބޭރުކުރާ އަދި ރާއްޖޭގައި އުފައްދައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލުތަކެކެވެ. މި ގަވާއިދުގައި ކާބޯތަކެތި ބަންދުކުރުމުގައި ބޭނުންކުރަންވާނީ ހަމައެކަނި 'ފުޑް ގްރޭޑް' މެޓީރިއަލްކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ 'ޕެޓް' ފުޅި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މިހާރު މަނާކަމެކެވެ.
އައު ގަވާއިދުގެ ދަށުން، އަސްލު އޮޅޭގޮތަށް ކާބޯތަކެތި ލޭބަލްކުރުމަކީ ބޮޑު ކުށެކެވެ. މިފަދަ ކުށެއް ކުރާ ފަރާތްތައް 10،000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމް.އެފް.ޑީ.އޭ އަށް ވަނީ ދީފައެވެ. ކުށް ތަކުރާރުވާ މިންވަރަކަށް ޖޫރިމަނާގެ އަދަދު ބޮޑުވެ، ވިޔަފާރި ހުއްދަ ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. ވަކިން ޚާއްޞަކޮށް، އިހުމާލުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް:
- 1 ވަނަ ފަހަރު: 10,000 ރުފިޔާގެ ޖޫރިމަނާ.
- 2 ވަނަ ފަހަރު: 100,000 ރުފިޔާގެ ޖޫރިމަނާ.
- 3 ވަނަ ފަހަރު: 500,000 ރުފިޔާގެ ޖޫރިމަނާ.
- 4 ވަނަ ފަހަރު: 750,000 ރުފިޔާގެ ޖޫރިމަނާ.
- 5 ވަނަ ފަހަރު: 1,000,000 ރުފިޔާގެ ޖޫރިމަނާއާއެކު ލައިސަންސް ބާތިލުކުރުން.
މީގެ އިތުރުން ޕެކޭޖްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް 5,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އެމް.އެފް.ޑީ.އޭ އިން ބުނިގޮތުގައި، މި ގަވާއިދަށް މިހާރު އަމަލުކުރަން ފެށި ނަމަވެސް، ބާޒާރުގައި ހުރި ތަކެއްޗާއި މިހާރު ގެންގުޅޭ ޕެކޭޖިންތައް އައު މިންގަނޑަށް ފެއްތުމަށްޓަކައި 6 މަސް ދުވަހުގެ ފުރުސަތެއް ވިޔަފާރިވެރިންނަށް ދެވޭނެއެވެ. މިއާއެކު، މީގެ ކުރިން އަމަލުކުރަމުން އައި "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު" މިހާރު ވަނީ އުވާލާފައެވެ.
ރިއެކްޝަންސް





