ޗައިނާއިން ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޒިންއާ ބައްދަލުކުރައްވައި، ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޚާއްޞަކޮށް ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫޢަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޞިއްޙީ ދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، މި ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޗައިނާ އިން ވެދެމުންދާ އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





