ރަސްމީ ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސިނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗް 57" ގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށެވެ. ލޯންޗުގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރަކު މަދުކަން ފާހަގަކުރެވިގެން އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި، އާސިފް ފެނިފައިވަނީ މޫދު އަޑިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އާސިފް ފެނުމާއެކު، އޭނާގެ ހަށިގަނޑު ވަނީ ވަގުތުން އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި، އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ނަފްސާނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





