ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހޭދަ 12 ބިލިއަނަށް އަރައިފި: މިއީ ފާއިތުވި އަހަރަށްވުރެ 101 އިންސައްތަ އިތުރުވުމެއް

ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހޭދަ 12 ބިލިއަނަށް އަރައިފި: މިއީ ފާއިތުވި އަހަރަށްވުރެ 101 އިންސައްތަ އިތުރުވުމެއް

1 day ago - 15:26
Advertisement
Advertisement

ދައުލަތުގެ ދަރަނި އަދާކުރުމަށް މި އަހަރުގެ މިހާތަނަށް ކުރި ހޭދަ 12 ބިލިއަން ރުފިޔާއަށްވުރެ މަތިވެ، ފާއިތުވި އަހަރާ އަޅާބަލާއިރު ދަރަނި އަދާކުރުމުގެ ހަރަދު 101.5 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް އެކަނިވެސް ދައުލަތުން 9.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6 ބިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.


ލޯނު އަނބުރާ ދެއްކުމުގެ އިތުރުން، ދަރަނީގެ އިންޓަރެސްޓާއި ފައިނޭންސިންގ ހަރަދުތަކަށްވެސް މި އަހަރު ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އެގޮތުން މި އަހަރުގެ މި މުއްދަތުގައި އިންޓަރެސްޓާއި ފައިނޭންސިންގ ހަރަދަށް 2.7 ބިލިއަން ރުފިޔާ ހޭދަވިއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަވީ 2.6 ބިލިއަން ރުފިޔާއެވެ.


މުޅި ޖުމްލަ ދަރަނި އަދާކުރުމުގެ ހަރަދުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 12.04 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި މި ހަރަދު ހުރީ 5.9 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދަރަނި އަދާކުރުމަށް ކުރި ހޭދަ ވަނީ 6.06 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.


2026 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި ލޯނު ދެއްކުމަށް 12.9 ބިލިއަން ރުފިޔާ އަދި ފައިނޭންސާއި އިންޓަރެސްޓުގެ ހަރަދުތަކަށް 5.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ގެންދަވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement