
މޫސުން ގޯސް, ކަނޑުތައް ގަދަ, މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި
ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފިނަމަ އެއްގޮތަކަށްވެސް ދަތުރު ނުކުރޭ
ރާއްޖޭގެ މޫސުން ގޯސް ކަމަށާއި, ކަނޑުތައްވެސް ގަދަކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނުމުން, ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން އެމްއެންޑިއެފްއިން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި, ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިމް އިލްތިމާސްކުރިއެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. ރޭގަނޑު ދަތުރުނުކުރުމަށާއި, މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް އެއްގޮތަކަށްވެސް ދަތުރުނުކުރަން ވަނީ އިލްތިމާސްކޮށްފައެވެ. މިވަގުތު ނެރެފައިވަނީ ހުދު ސަމާލެވެ.
ރިއެކްޝަންސް






