ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ސަރަހައްދުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މަގު ތަރައްގީކުރުމުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓުގައި ހިމެނޭ ޕާކިންގ ޒޯން ހެދުމާއި، ދުވާރުގައި ގާ އެތުރުމުގެ އިތުރުން ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މަޝްރޫޢުގެ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތައް މިހާރު ފެށިފައިވާއިރު، މި ހަފުތާގެ ތެރޭގައި ސެގްމަންޓް 2 އަދި 3 ގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޖަންކްޝަންތައް އުސްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީގެ އަމާޒަކީ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، ޖުލައި 26 ގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.
މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަގު ފުޅާކުރުމާއެކު، އެ ސަރަހައްދުގައި ހުރި ސަރުކާރުގެ އޮފީސްތަކާއި، ބޭންކުތަކާއި ވިޔަފާރިތަކަށް ބޭނުންވާ އިތުރު ޕާކިންގ ޖާގަ ލިބިގެންދާނެއެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިހާތަނަށް މަސައްކަތް ނިމިފައިވާ އިއްޒުއްދީން ފާލަމާއި ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ކުރިން އޮތް ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





