އިޖުތިމާޢީ އެހީތެރިކަމުގެ މަސައްކަތްތައް ޑިޖިޓަލްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި

އިޖުތިމާޢީ އެހީތެރިކަމުގެ މަސައްކަތްތައް ޑިޖިޓަލްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި

5 hours ago - 20:02
Advertisement
Advertisement

ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި "އިތާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.


ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ޤީލާ ޢަލީ އެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަޢާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، "އިތާ" ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.


މި ޕޯޓަލްގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) މެދުވެރިކޮށް މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެ، ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.


ހަމައެއާއެކު، "އިތާ" ޕޯޓަލްގެ ސަބަބުން "ހާލު ކިހިނެއް" ޕްރޮގްރާމާއި "އިބަމަ" ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.


މި ނިޒާމުގެ ސަބަބުން ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެތީ، ޚިދުމަތް ހޯދާ ފަރާތްތަކަށް މަޢުލޫމާތު ސާފުނުވެގެން ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement