އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާ ބައްދަލުވުމެއް ނިއު ދިއްލީގައި
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަޝްވަރާ ބައްދަލުވުމެއް ނިއު ދިއްލީގައި މިއަދު ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އިންޑިއާގެ ނިއުދިއްލީގައި މިއަދު ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 14ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ.
އެ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.
އެ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށް ދިވެހި ސަރުކާރުގެ ވަފުދެއް މިހާރު އިންޑިއާ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ކަމަކު، އެ ވަފުދުގެ ބޭފުޅުންގެ މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ހައި ލެވަލް ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ދެ ޤައުމުން ވަނީ ތަރައްޤީގެ ރޮނގުގައި އެއްބާރުލުން ދިނުމާއި ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ދެ ފަރާތުގެ ޝައުޤުވެރިވާ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ދިވެހި ސަރުކާރުން އެދޭގޮތަށް އަވަސްކުރުމާމެދު އިންޑިއާއިން އެއްބަސްވެފައިވާކަމަށް ވެސް ޚާރިޖީ ވުޒާރާއިން އޭރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލާގައި ދެ ޤައުމުގެ ދެމެދުގައި ސިލްސިލާ ގޮތެއްގައި މަޝްވަރާ ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.
އެ ގޮތުން ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމަށް ރާއްޖޭގެ ރައީސް މުޢިއްޒު ހުށަހެޅުއްވި ކަރުދާހުގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އެދޭކަމަށް ވިދާޅުވެފައެވެ.
މިއީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއާއި އެކު މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވަލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތަކެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރިއެކްޝަންސް